14 ޖުލައި 2020 - 07:58

ބޭނުން ވަނީ ބޮލީވުޑް ކެރިއަރަށް ފޯކަސްކުރަން ކަމަށާއި މި ވަގުތު ހޮލީވުޑުން ފުރުސަތެއް ލިބޭތޯ ވަގުތު ދުއްވައިލަން ބޭނުން ނުވާ ކަމަށް ޒުވާން ބަތަލާ ޑިޝާ ޕަޓާނީ ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި މަލަންގް" ގެ 28 އަހަރުގެ ބަތަލާ ބުނީ އޭނާގެ ކެރިއަރު ބައްޓަންވަމުން އަންނަ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެހެންވެ ހިންދީ ފިލްމުތަކަށް ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމަށާއި ހޮލީވުޑުން ފުރުސަތެއް ހޯދަން އޮޑިޝަންތައް ހަދަން ވަގުތު ހުސްކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ.
"މި ވަގުތު އަހަރެންގެ ހުރިހާ ވެސް ފޯކަސްއެއް ހުރީ ހިންދީ ފިލްމީ ކެރިއަރަށް،" ހިންދީ ފިލްމު ކުޅެން ފެށުމުގެ ކުރިން އިންޑިއާގެ ދެކުނުގެ ފިލްމުތައް ވެސް ކުޅުނު ބަތަލާ ބުންޏެވެ. "އެހެން ކަމަކާ ދޭތެރޭ ވިސްނުމަށް ވުރެ ބޮލީވުޑް ކެރިއަރު އަހަންނަށް މާ މުހިއްމު."
އެކްޓަރު ޓައިގާ ޝްރޮފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ޑިޝާގެ ފުރަތަމަ ހިންދީ ފިލްމަކީ މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާ އެކު ކުޅުނު "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ.
އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބާރަތު" އާއި "ބާގީ 2" ހިމެނެ އެވެ. ޑިޝާގެ ކުރިއަށް އޮތް ފިލްމަކީ ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ. އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދޯ ވިލަން" އާއި "ކޭޓިނާ" ހިމެނެ އެވެ.
ހޮލީވުޑަށް މި ވަގުތު ޝައުގުވެރިކަމެއް ނެތް ކަމަށް ބުނި ނަމަވެސް ޑިޝާ ވަނީ ހޮލީވުޑްގައި މަސައްކަތްކުރާ ޗައިނާގެ އެކްޓަރު ޖެކީ ޗަންއާ އެކު ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ.
އެއީ 2017 ގެ "ކުންގް ފޫ ޔޯގާ" އެވެ. އެ ފިލްމުގެ ރޯލްތަކެއް ކުޅުނު އިންޑިއާގެ ތަރިންގެ ތެރޭގައި ސޯނޫ ސޫދާއި އަމީރާ ދާސްތޫރް ވެސް ހިމެނެ އެވެ.