13 ޖުލައި 2020 - 12:53

ބިދޭސީން ފަށައިގެން އުޅޭ މުޒާހަރާތަކުގެ ފަހަތުގައި "ސިޔާސީ ކަންތައްތަކެއް" ނުވަތަ އެއީ ބަޔަކު މީހުން އަޑީގައި ތިބެ ކުރުވާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ބޮޑުފިނޮޅުގައި 200 ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައި ވަނިކޮށް، ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އިމާރާތްކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީން ވެސް މިއަދު ވަނީ އަނެއްކާ މުޒާހަރާކޮށްފަ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުރި މުޒާހަރާ އިން ހައްލެއް ނުލިބުމުން، އެ ބިދޭސީން މިއަދު މުޒާހަރާ އަށް ނުކުމެ ފުލުހުންނާ ކުރިމަތިލައި ގަލުން ހަމަލާ ދިނެވެ.
ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެއީ އެތައް ޒަމާނަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަކަށް ވާއިރު މީގެ ކުރިން ވެސް މުސާރަ ނުދީ މަސައްކަތް ކުރުވާ ކަމަށެވެ. އެއީ، ހުތުރު ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން ވިދާޅުވީ މުސާރައާ ގުޅުވައި މި ފަހަކަށް އައިސް ކުރާ މުޒާހަރާތަކާ މެދު ޝައްކުތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑަކަށް އޭގެ ސާފު މައުލޫމާތު ދަންނަވާކަށެއް ނޭނގޭ. އެކަމަކު މީގައި ސިޔާސީ އެލިމެންޓެއް، އަޅުގަނޑު މި ދަންނަވަނީ ވާދަވެރި ފަރާތުން ކުރާ ކަމެކޭ އެހެންނެއް ނޫން. ނަމަވެސް މީގައި ސިޔާސީ އެލިމެންޓެއް އުޅޭ ކަަމަށް މައުލޫމާތު ލިބޭ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާތަކާ ދިމާލަށް ބިދޭސީން މިދަނީ، މައްސަލަތައް ހައްލުކުރަން މި ސަރުކާރުން ފިޔަވަޅު އަޅަމުން ދަނިކޮށެވެ. ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރުމާއި އެ މީހުންނާ ދޭތެރޭ ލާއިންސާނީ އަމަލުތައް ހިންގައި މަގުމައްޗަށް ދޫކޮށްލުމަކީ މިނިސްޓަރު ސިފަކުރެއްވި ގޮތުގައި، "ވަރަށް ހަޑިމުޑުދާރުކޮށް ހިނގާފައި އޮތް ކަމެކެ"ވެ.
ބޮޑުފިނޮޅުގެ މައްސަލަ އަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ، ޖޫން މަހުގެ ފަހުކޮޅު އިކޮނޮމިކް މިނިސްޓްރީ އަށް ސިޓީއެއް ލިބުުނު ކަމަށެވެ. އެކަމަކު މުސާރައިގެ މައްސަލައިގައި މިނިސްޓްރީ އަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނަ ކަމަށާއި އެކަމުގައި ޓްރައިބިއުނަލާއި ކޯޓުތައް ފަދަ ނިޒާމުތައް ކަނޑައެޅިފައި ހުންނަ ކަން ފާހަގަކުރެއްވި އެވެ.
ލޭބަ ރިލޭޝަންސް އޮތޯރިޓީ( އެލްއާރުއޭ) އަށް ވެސް އެޅޭނީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖޫރިމަނާކުރުން ފަދަ އިދާރީ ފިޔަވަޅުތަކެކެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބޮޑު ޕަސެންޓަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ކަމަށް ވާތީ މައްސަލަތަކުގައި ހައްލު ހޯދަން އެ ގައުމާ އެކު ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައި އޮތް އިރު، އެކަން ހައްލު ކުރެއްވުމަކީ މިނިސްޓަރު ފައްޔާޒްގެ ވައުދެކެވެ. އެކަން ނުކުރެވިއްޖެ ނަމަ މަގާމުން ވެސް އިސްތިއުފާ ދެއްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.