14 ޖުލައި 2020 - 01:05

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، އޮފީސްތަކުން ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައް ނުބާއްވަން އެޗްޕީއޭ އިން ރޭ އެދިއްޖެ އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިން ވެސް އަންގާފައިވާ ގޮތަށް، މި ހާލަތުގައި ވެސް 30 މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނަށް އެއްނުވުމަށް އެދޭ ކަމަށެވެ. އަދި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް ކަންކަމާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަން ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
"...30 މީހުންނަށް ވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް ވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް ދަންނަވަމެވެ،" އެޗްޕީއޭގެ ބަޔާނުގައި ވެ އެވެ.
އެ އިދާރާ އިން ވަނީ، މިދިޔަ އޭޕްރީލް 15 ން މި މަހުގެ 1 އަށް އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނެސް ދިން ލުޔާއެކު، ނެރެފައިވާ އުސޫލުތަކާއި އެންގުންތަކާއި މަސައްކަތު މާހައުލުގައި އަމަލުކުރަން ކަމާގުޅޭ އިދާރާތަކުން ތައްޔާރު ކޮށްފައިވާ ގައިޑްލައިނަށް އަމަލުރަން އެދިފަ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި، ލޮކްޑައުންގެ ލުއިގެ މި މުއްދަތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް ވެސް ގިނަ ވެފައި ވަނީ ގިނަ ބަޔަކު އެއްވެގެން ހަފުލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އެހެނިހެން އެއްވުންތައް ބާއްވާތީ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، ލޮކްޑައުންގެ ލުއިގެ މުއްދަތުގައި މިދިޔަ ތިން ދުވަހު ވަނީ މައްޗަށް ގޮސްފަ އެވެ. އަދި ދިވެހިންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް އެއް ދުވަހެއްގެ ތެރޭގައި މިދިޔަ އާދިއްތަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް މައްޗަށް ގޮސްފަ އެވެ. އެ ދުވަހު 67 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި 52 ދިވެއްސަކު ހިމެނެ އެވެ. މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެ އަދަދަށް ދިވެހިން އެ ބައްޔަށް ޖެހިފައެއް ނުވެ އެވެ.
އެޗްޕީއޭ އިން ބުނެފައި ވަނީ މިހާރު ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް 70 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
ބައްދަލުވުންތައް ނުބާއްވަން އެޗްޕީއޭ އިން އިލްތިމާސްކުރިއިރު، ސަރުކާރުގެ ބައެއް އޮފީސްތަކާއި އަމިއްލަ ތަންތަނުން ވެސް ވަނީ ބައްދަލުވުންތައް ބާއްވައިފަ އެވެ. އަދި ބައެއް ބައްދަލުވުންތަކުގައި ބައިވެރިވާ މީހުން ކޮވިޑަށް ޕޮޒިޓިވް ވެސް ވެފައި ވެ އެވެ. އެންމެ ފަހުން އެ ބައްޔަށް ޕޮޒިޓިވްވީ، ޖެންޑާ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯގެ ސެމިނާރޫމުގައި ބޭއްވި ބައްދަލުވުމަކަށް ދިޔަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ މުވައްޒަފެކެވެ.