އިންދިރާ ގާންދީ އަވަހާރަކޮށްލި ހާދިސާ އަށް އަނެއްކާވެސް ފިލްމެއް
އިންދިރާ ގާންދީ އަވަހާރަކޮށްލި ހާދިސާ އަށް އަނެއްކާވެސް ފިލްމެއް

އިންޑިއާގެ ހަމައެކަނި އަންހެން ބޮޑުވަޒީރު އިންދިރާ ގާންދީ 1984 ގައި އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އިންޑިއާގައި އުފެދުނު ހަމަނުޖެހުންތަކަށް ބިނާކޮށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ފިލްމެއް ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖަށް ހުށަހަޅައިފި އެވެެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ އަހަރުގެ "ގުޑް ނިއުޒް" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު އެކްޓަރަށް ފިލްމުގެ ވާހަކަ ކިޔައިދިނުމުން އޭނާ ވަނީ އަނގަބަހުން ފިލްމަށް އެއްބަސްވާނެ ކަމަށް ބުނެފަ އެވެ. އޭގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިންދިރާ ގާންދީގެ އަވަހާރަކޮށްލި ހާދިސާ އަށް ހަދާ ފިލްމެއް ދިލްޖީތަށް ހުށަހެޅި އިރު އޭނާ ވަނީ ކުރިން ވެސް އެ ހާދިސާ އަށް ހެދި ފިލްމެއް ކުޅެފަ އެވެ. އެއީ 2014 ގައި ޕަންޖާބީ ބަހުން ގެނެސްދިން "ޕަންޖާބް 1984" އެވެ. އެ ފިލްމަކީ ނެޝަނަލް އެވޯޑްސްގައި އެންމެ މޮޅު ޕަންޖާބީ ފިލްމުގެ އެވޯޑް ވެސް ލިބުނު ފިލްމެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އިންދިރާ އަވަހާރަކޮށްލި ހާދިސާ އާއި އޭގެ ފަހުން ފަހުން އުފެދުނު ހާޖާނުގަނޑަށް ފިލްމެއް ހެދުމަކީ އަލީ ވަރަށް ކުރިއްސުރެ ވެސް ހިތުލައިގެން އުޅޭ ކަމެކެވެ. އަދި މިހާރު އެއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާތީ އިންޑިއާގެ ފިލްމީ މަސައްކަތްތައް އާދައިގެ ހާލަތަކަށް އެޅުމާ އެކު، އަލީ ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.

މިދިޔަ އަހަރު "ބާރަތު" ގެނެސްދިން ޑައިރެކްޓަރު ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ވެސް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. އެއީ ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ މުހިއްމު ރޯލްތަކުން ފެނިގެންދާ "ކާލީ ޕީލީ" އެވެ.

އަލީ ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ކެޓްރީނާ ކެއިފާ އެކު ހަދާ ސުޕަހީރޯ ފިލްމަކާއި "މިސްޓަ އިންޑިއާ" ހިމެނެ އެވެ.

އަލީގެ ކުރިއަށް އޮތް މަސައްކަތަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން އޮކްޓޯބަރުގެ ތެރޭގައި ސްޓްރީމްކުރާނެ ކަމަށް ބެލެވޭ ސައިފް އަލީ ޚާންގެ ވެބް ސީރީޒް "ދިއްލީ" އެވެ.