22 އޮކްޓޯބަރ 2016 - 14:44

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ މަސައްކަތަށް ތާއީދުކުރާ ކަމަށާއި ކޮމަންވެލްތާ އަލުން ރާއްޖެ ގުޅޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ރޯޔަލް ކޮމަންވެލްތު ސޮސައިޓީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ބައެއް ކަންކަން އިސްލާހުނުކޮށްފި ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ، ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި ވަނިކޮށް، ކޮމަންވެލްތުން ރާއްޖެ ވަނީ ވަކިވެފަ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވާން ކެބިނެޓުން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރޯޔަލް ކޮމަންވެލްތު ސޮސައިޓީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ނިންމުމަކީ ރާއްޖެ އާއި ކޮމަންވެލްތަށް ވެސް ލިބުނު ގެއްލުމެއް ކަމަށެވެ.
ރޯޔަލް ކޮމަންވެލްތު ސޮސައިޓީ އަކީ ކޮމަންވެލްތު ގައުމުތަކުގެ ރައްޔިތުންނަށް ބައެއް ދާއިރާތަކުން ތަފާތު އެހީ އާއި ތަމްރީން ދޭން ހިންގާ އަމިއްލަ ޖަމިއްޔާއެކެވެ.
އެ ސޮސައިޓީން ދެކޭ ގޮތުގައި ވަކި ކަންތައްތަކެއް އިސްލާހުކުރަން ކޮމަންވެލްތުން ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އިސްލާހީ ބަދަލުތަކެއް ގެނައުމެވެ. އަދި ޑިމޮކްރަޓިކް ވެއްޓެއް ގާއިމްކުރަން ބޭނުން ނަމަ، ސީމެގުން ހުށަހެޅި ކަންކަން ތަންފީޒު ކުރަން ވެސް އެ ސޮސައިޓީން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.
ސީމެގުން ރާއްޖެ އަށް ހުށަހެޅީ ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުމާއި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތް ހެދުމާއި ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމާއި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުމާއި، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދޭށެވެ.
ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހުނީ ރާއްޖެ އިން ކުރަމުން އަންނަ ކަންކަން ކޮމަންވެލްތުން ބަލައިނުގަތުމުން ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖޭގެ ކަންކަމާ ބެހި، ބޭއިންސާފުން ފިޔަވަޅު އަޅަމުން ދިއުމަކީ ވެސް ސަބަބެއް ކަމަށް ސަރުކާރުން ބުނެ އެވެ.