ބޮޑު މޮޅަކާ އެކު އެޓަލާންޓާ ދެ ވަނަ އަށް
ބޮޑު މޮޅަކާ އެކު އެޓަލާންޓާ ދެ ވަނަ އަށް

ބެރްގާމޯ (ޖުލައި 15) – ބްރެޝިއާ އަތުން 6-1 އިން މޮޅުވެ އިޓާލިއަން ލީގުގެ ދެ ވަނަ މަގާމަށް އެޓަލާންޓާ އަރައިފި އެވެ.

މިދިޔަ ސީޒަނުގެ ލީގުގެ ތިން ވަނަ ހޯދި އެޓަލާންޓާ ދެ ވަނަ އަށް މިއެރީ އިތުރަށް އެއް މެޗު ކުޅެގެންނެވެ. އެ ޓީމަށް 33 މެޗުން 76 ޕޮއިންޓް ވަނީ ލިބިފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް އިންޓަ މިލާނާއި ހަތަރު ވަނައިގައި އޮތް ލާޒިއޯ އަށް 32 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ލާޒިއޯ މިރޭ އުދިނޭޒީ އަތުން މޮޅުވެއްޖެ ނަމަ އަދި އިންޓަ މާދަމާރޭ ސްޕާލް އަތުން މޮޅުވެއްޖެ ނަމަ އެޓަލާންޓާ އަނެއްކާ ވެސް ހަތަރު ވަނަ އަށް ވެއްޓޭނެ އެވެ.

ތާވަލުގެ އެއް ވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އެވެ. އެ ޓީމުން މިރޭ ނުކުންނާނީ ސަސުއޮލޯއާ ދެކޮޅަށެވެ.

ރޭގެ މެޗުގެ ދެ ވަނަ މިނެޓުގައި މާރިއޯ ޕަސަލިޗް ވަނީ އެޓަލާންޓާ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ހަ މިނެޓު ފަހުން ބްރެޝިއާ އިން އެއްވަރުކުރި ނަމަވެސް އެޓަލާންޓާ އިން އިތުރު ފަސް ގޯލް ޖަހައި ތަފާތު ބޮޑު މޮޅެއް ހޯދީ އެވެ. އެއީ ތެރޭގައި ހެޓްރިކް ފުރިހަމަކުރަން ޕަސަލިޗް ޖެހި ދެ ގޯލާއި މާޓިން ޑި ރޫން އާއި ރުސްލާން މަލިނޮވްސްކީ އަދި ޑުވާން ޒަޕާޓާ ޖެހި ގޯލެވެ. ބްރެޝިއާގެ ދެ ވަނަ ގޯލް ޖެހީ މެޗުގެ ފަހުކޮޅެވެ.

އިންޓަގައި ފެއިލްވި ޖިއަން ޕިއޭރޯ ގަސްޕެރިނީގެ ކޯޗުކަމުގައި އެޓަލާންޓާ އިން އަންނަނީ ފަހަކަށް އައިސް އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގައި ޑޮމިނޭޓްކުރަމުންނެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމު ވާދަކޮށް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ބުރުގައި އަންނަ މަހު ވާދަކުރާނީ ފްރާންސްގެ ގަދަބާރު ޕީއެސްޖީއާ އެވެ.

އެޓަލާންޓާ އެންމެ ފާހަގަކުރެވެނީ ވަރުގަދަ އެޓޭކިން ޓީމެއްގެ ގޮތުގަ އެވެ. ނަން މަޝްހޫރު ފޯވާޑެއް ނެތަސް މި ސީޒަނުގެ ލީގުގައި އެ ޓީމުން ވަނީ 33 މެޗުން 93 ގޯލް ޖަހައިފަ އެވެ. ދެންމެ އެންމެ ގިނަ ލަނޑު ޖެހި އިންޓަ އާއި ލާޒިއޯ އަށް ކާމިޔާބުކުރެވިފައިވަނީ 68 ގޯލެވެ.