20 ޖުލައި 2020 - 07:34

އިންޑިއާގެ ލޮކްޑައުންއާ ހެދި ހުއްޓުމަކަށް އައި ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ ސްޓާ ޕްލަސްގެ "ޔޭ ޖާދޫ ހޭ ޖިން ކާ" އަލުން މި މަހުގެ 27 ގައި ފަށަން ނިންމައި، ޝޯގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.
މި ސިލްސިލާ އަކީ ކުރިން ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ސްޓާ ޕްލަސް އިން ގެނެސްދެމުން ދިޔަ އެއްޗެކެވެ. ފެންޓަސީ/ރޮމޭންސް/ޑްރާމާ ޖޯންރާގެ "ޔޭ ޖާދޫ ހޭ ޖިން ކާ" ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގަ އެވެ.
ސިލްސިލާ ހުއްޓުމަކަށް އައި އިރު 122 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
"ފެއަރީ ސްޓޯރީ" އަކާ ވަރަށް ވައްތަރުކޮށް އަދި ބަލައިލަން ހިތްގައިމުކޮށް ގެނެސްދޭ "ޔޭ ޖާދޫ ހޭ ޖިން ކާ" ގެ ލީޑް ރޯލް ކުޅެނީ ވިކްރަމް ސިންގް ޗޯހަނާއި އަދިތި ޝަރުމާ އެވެ.
ވިކްރަމާއި އަދިތީގެ ކެރެކްޓާތަކަކީ އާދަޔާހިލާފު ބާރުތަކެއް ލިބިފައިވާ އަދި އެ މީހުންގެ އާއިލާ އަށް ދިމާވާ ރޫހާނީ ކަންތައްތަކުން ސަލާމަތްކޮށްދޭން މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ދެ ކެރެކްޓާ އެވެ.