23 އޮކްޓޯބަރ 2016 - 11:15

ބެއިޖިން (އޮކްޓޯބަރު 23) - ކޯޗިން އިން ރިޓަޔާކޮށްފައިވާ އިޓަލީގެ ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ، އަލުން މަސައްކަތަށް ނުކުމެ ޗައިނާގެ ގައުމީ ޓީމާ ހަވާލުވެއްޖެ އެވެ.
ލިއްޕީ ކޯޗިން ކެރިއަރު 2014 ވަނަ އަހަރު ނިންމާލީ ޗައިނާގެ ގުއަންޒޫ އެވަގްރެނޭޑަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޗައިނީސް ސުޕަ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު އެވެ.
ޗައިނާގެ ކޯޗުގެ މަގާމް ހުސްވީ ވޯލްޑް ކަޕް ކޮލިފައިންގައި އުޒްބެކިސްތާން އަތުން 2-0 އިން ބަލިވުމާ އެކު ކޯޗުގެ މަގާމުން ގައޯ ހޮންގޯ އިސްތިއުފާ ދިނުމުންނެވެ.
ހަތަރު މެޗަށް ފަހު ޗައިނާ އޮތީ ގްރޫޕް އޭގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އެވެ. އެއް ވަނައިގައި އޮތް އީރާނަށް 10 ޕޮއިންޓް ލިބިފައިވާއިރު ކޮލިފައިވުމަށް ޗައިނާ އަށް އޮތީ ހަނި ފުރުސަތެކެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކޯޗު ކަމަށްވާ ލިއްޕީ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ޔުވެންޓަސް އަށް އިޓާލިއަން ލީގު ފަސް ފަހަރު އަދި 1996 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު 1997، 1998 އަދި 2003 ގެ ފައިނަލުން ވަނީ ބަލިވެފަ އެވެ.