މަސްވެރިންނަށް ދޭން ހުރި ފައިސާ މިފްކޯ އިން ދޫކުރަން ފަށައިފި
މަސްވެރިންނަށް ދޭން ހުރި ފައިސާ މިފްކޯ އިން ދޫކުރަން ފަށައިފި

މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް މިފްކޯ އަށް މަސް ކިރުމަށް ފަހު މަސްވެރިންނަށް ފައިސާ ނުލިބި ހުރި ބިލުތަކަށް މިއަދު ފައިސާ ދޫކުރަން ފަށައިފި އެވެ.

މިފްކޯ އިން ނެރުނު އިއުލާނެއްގައި ބުނީ މަސްވެރިން ކިރާ މަހުގެ ފައިސާ ވީހާ ވެސް އަވަހަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު ދުނިޔޭގެ އިގްތިސާދު ދަށްވުމާ ގުޅިގެން ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ރާއްޖޭން ބޭރުކުރާ ގިނަ ބާވަތްތަކަކީ ފިނި ކުރި މަހުގެ ބާވަތްތަކެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ދަށްވެ ފިނިކުރި މަހުގެ އަގު ވަނީ ދަށްވެފަ އެވެ.

އެ ކުންފުނިން ބުނީ ބިލުތަކަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރުމުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މަސް ކިރުވި ދޯނިތަކަށް ދައްކަން ޖެހޭ ފައިސާ މިއަދުން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ. އަދި 13 ވަނަ ދުވަހުން ފެށިގެން ނުދައްކާ ހުރި ބިލުތަކުގެ ފައިސާ ވެސް ވީހާ ވެސް އަވަހަށް ދައްކަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިފްކޯއިން ބުންޏެވެ.

މީގެ ކުރިން ވެސް މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ގިނަ ދުވަސް ވަންދެން ނުދައްކާ ހުރުމުގެ ސަބަބުން މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންކަމުން އެ ކުންފުނިން އަންނަނީ ވަކި މުއްދަތުތަކަށް ބަހާލައިގެން ފައިސާ ދޫކުރަމުންނެވެ. އެގޮތުން، އެ ކުންފުނިން ވަނީ މިދިޔަ އޭޕްރިލް މަސްތެރޭގައި ވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދީފަ އެވެ.