24 އޮކްޓޯބަރ 2016 - 08:40

މެޑްރިޑް (އޮކްޓޯބަރު 24) - އަނިޔާ އިން އެއްކޮށް ސަލާމަތްވެ އަންނަ އަހަރަށް ތައްޔާރުވުމަށް މަޝްހޫރު ޓެނިސް ކުޅުންތެރިއާ ރަފައެލް ނަޑާލް މި ސީޒަނުގެ ބާކީ އޮތް ތިން މުބާރާތުގައި ނުކުޅެން ނިންމައިފި އެވެ.
ސީޒަނުގައި ބާކީ އޮތީ ސްވިސް އިންޑޯސް، ޕެރިސް މާސްޓާސް އަދި އޭޓީޕީ ފައިނަލްސް އެވެ. ގްރޭންޑް ސްލޭމް 14 މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލަށް އަނިޔާގެ ސަބަބުން މި އަހަރު އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. މިއީ ނަޑާލްގެ ކެރިއަރުގައި އޭނާ އެންމެ ދަށް އަހަރެވެ.
ނަޑާލް ބުނީ މިދިޔަ އޮގަސްޓް މަހު އޮތް އޮލިމްޕިކްސް އަށް އޭނާ ދިޔައީ އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއިން އެއްކޮށް ރިކަވާ ނުވަނީސް ކަމަށެވެ. އަދި އޭގެ ފަހުން ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް ކުޅުނީ އަނިޔާގައި ހުރެ ކަމަށް ނަޑާލް ބުންޏެވެ.
އޮލިމްޕިކްސް އިން ނަޑާލް ބަލިވީ ލޯ މެޑަލް މެޗުންނެވެ. އެހެން ނަމަވެސް އޭނާ ވަނީ ފިރިހެން ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.
"އޮލިމްޕިކްސްގައި ކުޅެން ނުކުތުމަކީ ހެދުނު ގޯހެއް. އެކަމަކު އެކަމާ ހިތާމަ ނުކުރަން އޮލިމްޕިކްސްގައި ކުޅުނީ ގައުމަށް މެޑެއްޔެއް ހޯދައިދޭން. އެއްކޮށް ފިޓްނުވަނީސް ކުޅެގެން މިއޮތީ ކުރިއަށް ވުރެން ހާލަތު ގޯސްވެފައި. މި އަހަރުގެ ކުރިއަށް އޮތް އެއް މުބާރާތަކުން އަހަރެން ނުފެންނާނެ،" ނަޑާލް ބުންޏެވެ.
"އަމާޒަކީ އަންނަ ސީޒަނަށް ފުރިހަމަ އަށް ތައްޔާރުވުން،" ދުނިޔޭގެ ރޭންކިން އަށް ވަނައިގައި މި ވަގުތު އޮތް ނަޑާލް ބުންޏެވެ.