23 ޖުލައި 2020 - 13:05

ވޮޝިންޓަން (ޖުލައި 23) - ޗައިނާގެ މުދަލަށް އިންޑިއާ އިން ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ގޮވާލައްވައިފި އެވެ.
އެމެރިކާ-އިންޑިއާ ވާޗުއަލް ބިޒިނަސް ސަމިޓުގައި ޕޮމްޕެއޯ ވިދާޅުވީ އިންޑިއާ އަކީ އެމެރިކާ އިން އިތުބާރު ކުރާ ވިޔަފާރީގެ ބައިވެރިއެއް ކަމަށެވެ.
"ޗައިނާ އަށް ދުރަށް ޖެހި ދުނިޔޭގެ ސަޕްލައި ޗެއިންއާ ގާތްވުމުގެ ފުރުސަތު އިންޑިއާ އަށް އެބައޮތް. މުވާސަލާތާއި ބޭހާ އަދި އެހެނިގެން މުދާ ހޯދުމުގައި ޗައިނާގެ ކުންފުނިތަކަށް ބަރޯސާ ނުވެ އިންޑިއާ އަށް އުޅެވޭނެ،" އެމެރިކާ-އިންޑިއާ ބިޒިނަސް ކައުންސިލުން އިންތިޒާމް ކުރި ބައްދަލުވުމުގައި ޕޮމްޕެއޯ ވިދާޅުވި އެވެ.
"އިންޑިއާ އަށް އެކަން ކުރެވޭނެ. ސަބަބަކީ އިންޑިއާ އިން ވަނީ ވިޔަފާރީގައި އެތައް ގައުމެއްގެ އިތުބާރު ހޯދާފައި."
ޕޮމްޕެއޯ މި މޭރުމުން ވާހަކަ ދައްކާފައި ވަނީ ވަރަށް ގިނަ މައްސަލަތަކުގައި އެމެރިކާ އާއި ޗައިނާގެ ގުޅުން ހީނަރުވެފައިވާ ދުވަސްވަރެއްގަ އެވެ. ދުނިޔޭގެ އާބާދީ އެންމެ ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާއާ ދެމެދު ވެސް ޒަމާންވީ ކޯޅުންގަނޑެއް އޮވެ އެވެ.
ޗައިނާގެ 59 މޯބައިލް އެޕެއް އިންޑިއާ އިން މަނާކުރުމުން ޕޮމްޕެއޯ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ސަމިޓުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އެމެރިކާގެ ކުންފުނިތަކުން އިންޑިއާގައި އިންވެސްޓް ކުރުމަށް އެދިވަޑައިގެންފަ އެވެ.