24 އޮކްޓޯބަރ 2016 - 10:19

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ވިދާލި އަންސަރު އިބްރާހިމް (އަންކޮ) އަކީ ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބުއެއް ކުޅުންތެރިއާ އެވެ. މުބާރާތް މިހާތަނަށް ފަސް ފަހަރު ބާއްވާފައިވާއިރު އަންކޮ ވަނީ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ ކްލަބް ވެލެންސިއާއާ އެކު އެއް ފަހަރު އަދި ކްލަބް އީގަލްސްއާ އެކު ދެ ފަހަރެވެ.

އަންކޮ ވަނީ މި މުބާރާތުގައި ކުޅުނު ހަތަރު ފަހަރު ވެސް ފައިނަލުގައި ކުޅެފަ އެވެ. ފުރަތަމަ 2012 ވަނަ އަހަރު އީގަލްސްއާ އެކު ކުޅުނު ފުރަތަމަ މުބާރާތުގެ ފައިނަލުން ބަލިވީ ވިކްޓަރީއާ ވާދަކޮށެވެ. މި މުބާރާތުގައި ދެ ވަނަ ފަހަރަށް އަންކޮ ފެނުނީ 2013 ވަނަ އަހަރު ކްލަބް ވެލެންސިއާގެ ޖާޒީގަ އެވެ. އެ ފަހަރު ވެލެންސިއާ ޓީމު ކުޅުނު ގިނަ މެޗުތަކުގައި އަންކޮ ކުޅުނެވެ. އަދި ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ ވެސް އެ ޓީމާ އެކު އެވެ.

އީީގަލްސްއާ އެކު އަންކޮ ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތުން ހޮވި މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި އަންކޮ ހިމެނެ އެވެ. އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމުން މި އަހަރު މި މުބާރާތް ބޭއްވިއިރު، އީގަލްސް މި ވަނީ ތަށި ދިފާއުކޮށްފަ އެވެ. އަދި މި ފަހަރުގެ ވެސް ގަދަ ހަތަރު ކުޅުންތެރިންގެ ތެރޭގައި އަންކޮ ހިމެނެ އެވެ. މިއީ އަންކޮ މި މުބާރާތުން ފެންނާނެ ފަހު ފަހަރެވެ.
"ޔޫތުގައި ކުޅުނު ހުރިހާ މުބާރާތެއްގެ ފައިނަލުގައި ކުޅެވުމަކީ ޝަރަފެއްގެ ގޮތުގައި ދެކެނީ. ދެން ތިން މުބާރާތް ކާމިޔާބު ކުރެވިއްޖެ. މިއީ ޓީމެއްގެ ގޮތުގައި ކުޅުމުގެ ނަތީޖާ. އެކުގައި މަސައްކަތްކުރި ވެލެންސިއާ އާއި އީގަލްްސްގެ ކުޅުންތެރިންނާއި ކޯޗުން އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަންކޮ ބުންޏެވެ.
"ގަދަ ހަތަރެއްގައި ޖެހިޖެހިގެން ދެ މުބާރާތުގައި ހިމެނިގެން މި މުބާރާތާ ވަކިވާން ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް."
އަންކޮ އަކީ ފާއިތުވި ދެ އަހަރުގައި އީގަލްސް ސީނިއާ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މިދިޔަ އަހަރު އަންކޮ ވަނީ ރިކީ ހާބަޓްގެ ކޯޗުކަމުގައި ސީިނިއާ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ހޮން ކޮންއާ ދެކޮޅަށް ކުޅުނު މެޗާއި ސާފް ސުޒުކީ ކަޕަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި އަންކޮ ހިމެނުނެވެ. އަދި މި އަހަރު ފެބްރުއަރީ މަހު އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އަންކޮ ވަނީ މޮޅު ކުޅުމެއް ދަށްކައިފަ އެވެ.
އަންކޮ ބުނީ ޔޫތު ލެވެލްގައި މި ހޯދުނު ކާމިޔާބީ މުސްތަގުބަލުގައި ސީނިއާ ޓީމާ އެކު ތަކުރާރު ކުރަން ބޭނުންވާ ކަމަށެވެ.
"ޔޫތު މުބާރާތުގައި މި ހޯދުނު ކާމިޔާބީ ސީނިއާ ލެވެލްގައި ވެސް ހޯދުމަކީ ވަރަށް ބޮޑު އުއްމީދެއް. އެންމެ ބޮޑަށް ބޭނުންވަނީ އީގަލްސްގައި ހުރެގެން މި ކާމިޔާބީ ތަކުރާރުކުރަން،" އަންކޮ ބުންޏެވެ.