31 ޖުލައި 2020 - 08:13

ކޮވިޑް-19 ގެ ސަބަބުން، އެމެރިކާގެ ކުދި ވިޔަފާރިތަކަށް ކުރިމަތިވި މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފުކުރި ރިލީފް ސްކީމް "ޕޭޗެކް ޕްރޮޓެކްޝަން ޕްރޮގްރާމް" އަށް ދޮގު މައުލޫމާތު ދީގެން ހަތަރު މިލިއަނެއްހާ ޑޮލަރުގެ ރިލީފް ލޯނެއް ލިބުނު މީހަކު އަގުބޮޑު ލަމްބާގިނީ ކާރެއް ގަތް މައްސަލަ ފަޅާއަރައި އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.
މީޑިއާތަކުން ބުނީ ކުންފުނިތަކަކާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ދީގެން ރިލީފް ފަންޑްގެ ބޭނުން ނަހަމަގޮތުގައި ހިފީ އުމުރުން 29 އަހަރުގެ ޑޭވިޑް ޓީ ހިނޭޒް ކިޔާ މީހެއް ކަމަށެވެ. އޭނާ ވަނީ ސައްހަ ނޫން މައުލޫމާތު ދީގެން ރިލީފް ފަންޑުން 13.5 މިލިއަން ޑޮލަރުގެ އެހީ ހޯދަން އެދިފަ އެވެ. ނަމަވެސް ފައިސާ ދޫކުރުމުގެ ފުރަތަމަ މަރުހަލާގައި ޑޭވިޑަށް ބޭންކުން ދޫކުރީ 3.9 މިލިއަން ޑޮލަރެވެ. އެ ފައިސާ ލިބުނުތާ އެއް ދުވަސް ފަހުން، އެމެރިކާގެ މަޔާމީ ނިސްބަތްވާ ޒުވާނާ ވަނީ 2.6 މިލިއަން ޑޮލަރަށް ލަމްބާގިނީ ހަރަކާން ބްރޭންޑްގެ ކާރެއް ގަނެފަ އެވެ.
އޭނާ ރިލީފް ފަންޑުން އެހީ ހޯދަން ހުށަހެޅީ ސައްހަ ނޫން ލިޔެކިޔުންތަކެއްކަން ފަޅާއެރުމާ ގުޅިގެން މި މައްސަލަ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ޑޭވިޑް ހައްޔަރުކުރި ނަމަވެސް، ކޯޓްގައި 100،000 ޑޮލަރު ބަހައްޓައިގެން މައްސަލަ ފަށަންދެން ގޭބަންދަށް ވަނީ ދޫކޮށްލައިފަ އެވެ. އަދި ކޯޓުން އޭނާ ގޭބަންދަށް ދޫކުރީ ހަރަކާތްތައް ޖީޕީއެސް މެދުވެރިކޮށް މޮނިޓަކުރާ ގޮތަށެވެ. ޑޭވިޑަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 14 އަށެވެ.
ދޮގު މައުލޫމާތު ދީގެން މަކަރާއި ހީލަތުން ރިލީފް ފަންޑުން ފައިސާ ހޯދި މައްސަލަ ސާބިތުވެއްޖެ ނަމަ ޑޭވިޑްގެ މައްޗަށް މަދުވެގެން 70 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އޭނާގެ ވަކީލު ޗާޑް ޕިއޮޓްރޯސްކީ ވިދާޅުވީ ޑޭވިޑް ރިލީފް ފަންޑުން އެހީ ހޯދަން ހުށަހެޅީ ސައްހަ ލިޔުންތައް ކަމަށާއި އޭނާގެ ވިޔަފާރިއާ ބެހޭ ހުރިހާ މައުލޫމާތުތަކެއްގެ ސައްހަކަން ކޯޓްގައި ސާބިތުކޮށް ދެވޭނެ ކަމަށެވެ.