02 އޯގަސްޓް 2020 - 10:56

ކޮވިޑް-19 ޖެހިގެން އެކިއެކި މަރުކަޒުތަކުގައި އެޑްމިޓް ކޮށްގެނ 72 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ރޭ ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ބޭއްވި މީޑިއާ ބްރީފިންގައި ވިދާޅުވި ގޮތުން ނަމަ މި 72 މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެޑްމިޓް ކޮށްފައި ތިބީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. އެ ތަނުގައި 65 މީހަކު އެޑްމިޓް ކޮށްފައި ވެ އެވެ. އޭގެ ތެރެއިން 60 މީހަކަށް ވޯޑުގައި ފަރުވާ ދެމުން އަންނައިރު ފަސް މީހެއްގެ ހާލު ސީރިއަސްވުމުން ފަރުވާ ދެނީ އައިސީޔޫގަ އެވެ. އައިސީޔޫގައި ތިބި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެކަކަށް، ޑީއެޗް16 ގައި ހަތަރު މީހަކަށް، ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ބ. އޭދަފުށި ކޮވިޑް ފެސިލިޓީގައި ވެސް އެކަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. މީގެ ތެރެއިން ޑީއެޗް11 ގައި ފަރުވާ ދެމުން އަންނަ މީހާ އޮތީ އައިސީޔޫގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކަށް ސަރުކާރުން ދިން ބޮޑު ލުޔާއެކު، އެ ބަލީގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި ބަލި ފެތުރުން ވަނީ ގިނަވެފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6 ން އިއްޔެ ހަވީރު 6 އާ ހަމައަށް އަލަށް 156 މީހަކަށް ކޮވިޑް ޖެހުނުއިރު އޭގެ ތެރެއިން 134 މީހުންނަކީ ދިވެހިންނެވެ. މިއީ މާޗް 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހުނު ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް ކޮވިޑް ޖެހުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު 92 ދިވެއްސަކަށް އެ ބަލި ޖެހުނު ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަހައްދުގައި ކަމަށް ވާތީ، އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން އެޗްޕީއޭ އިން މިހާރު ވަނީ މަޖުބޫރު ކޮށްފަ އެވެ. އެ އެންގުމާ ޚިލާފުވާ މީހުން އިއްޔެ މެންދުރު 1 ން ފެށިގެން ވަނީ 1،000ރ. އިން ޖޫރިމަނާ ކުރަން ފަށައިފަ އެވެ. އެގޮތުން އިއްޔެ މެންދުރު 1 ން ރޭގެ 9 އާ ހަމައަށް 116 މީހަކަށް ފުލުހުން ނަސޭހަތް ދީ، ހަތަރު މީހަކު ޖޫރިމަނާ ކުރި ކަމަށް އެޗްއީއޯސީން ރޭ ބުންޏެވެ.
އެ ސެންޓަރުން ބުނިގޮތުގައި ރެއާ ހަމައަށް ރާއްޖޭގައި ވަނީ ކޮވިޑަށް ޓެސްޓު ކުރުމަށްޓަކައި 79،817 ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވީ 3،949 މީހެކެވެ. ބަލިން 2،613 މީހަކު ރަނގަޅުވިއިރު، ރެއާ ހަމައަށް 17 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް 1،305 އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.