އުރީދޫގެ ފައިދާ އާއި އާމްދަނީ މިދިޔަ ކުއާޓާގައި ދަށަށް
އުރީދޫގެ ފައިދާ އާއި އާމްދަނީ މިދިޔަ ކުއާޓާގައި ދަށަށް

އުރީދޫއަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.7 ޕަސެންޓު ދަށްވެއްޖެ އެވެ.

އެ ކުންފުނިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ވަނީ 491 މިލިއަން ރުފިޔާ ލިބިފަ އެވެ.

ރިޕޯޓުތައް ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް ލިބުނީ 80.8 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 50 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 13 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި 543 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 159.7 މިލިއަން ރުފިޔާ ލިބިފަ އެވެ.

އުރީދޫން ބުނިގޮތުގައި އެ ކުންފުންޏަށް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުންނެވެ. ރާއްޖެ އަންނަ ޓޫރިސްޓުންނަކީ އެންމެ ގިނައިން ރޯމިން ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނެވެ. އެހެންކަމުން އެ ހިދުމަތުން ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ވަނީ މިދިޔަ ކުއާޓާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެހީވުމުގެ ގޮތުން ރާއްޖެއަށް އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ. އެގޮތުން، މިހާތަނަށް ވަނީ 2.5 މިލިއަން ރުފިޔާގެ އެހީ އާއި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ބޭސްކުރުމަށް ބޭނުންވާ 50 އިންޓިއުބޭޝަން ބޮކްސް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ކޮވިޑް-19އާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ވެސް ވަނީ އޮންލައިން ހަރަކާތަތްކެއް ހިންގައިފަ އެވެ.