ޒިމްބާބުވޭގެ ހޮސްޕިޓަލްތަކުގެ ކާރު ޕާކުގައި ވެސް މީހުން މަރުވަނީ
ޒިމްބާބުވޭގެ ހޮސްޕިޓަލްތަކުގެ ކާރު ޕާކުގައި ވެސް މީހުން މަރުވަނީ

ހަރާރޭ (އޮގަސްޓް 4) - ޒިމްބާބުވޭގައި އެކަށީގެންވާ ވަރަށް ހެލްތު ވޯކަރުން ނެތުމުން، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކަށް ގެންދާ މީހުންނަށް ފަރުވާ ނުދެވި ކާރު ޕާކިންގައި ތިބެ މަރުވަމުންދާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ވެރިރަށް ހަރާރޭގެ ސަރުކާރު ހޮސްޕިޓަލެއްގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޑރ. ރާޝިދާ ފެރާންޑް ވިދާޅުވީ ހޮސްޕިޓަލުގައި ޖާގަ ހުރި ނަމަވެސް ފަރުވާ ދޭން ތިބީ ވޮލަންޓިއަ ދެ ޑޮކްޓަރުންނާއި މަދު ނަރުހުންތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސްޓާފުން މަދުވުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ފަރުވާ ދެވެނީ ގިނަވެގެން 30 މީހުންނަށް ކަމަށެވެ.

"30 މީހުންގެ ލިމިޓް ހަމަވުމުން އިތުރު މީހުންނަށް ފަރުވާ ދެވޭކަށް ނެތް. އެވަރަށް ސްޓާފުންނެއް ނެތް. ބަލި މީހުންތައް ދަނީ ހޮސްޕިޓަލްގެ ކާރު ޕާކިންގައި ތިބި މަރުވަމުން. އެއީ ވަރަށް ހިތްދަތި މަންޒަރެއް،" ފެރާންޑް ވިދާޅުވި އެވެ.

މުސާރަ ކުޑަވުމުގެ ސަބަބުން، ޒިމްބާބުވޭގެ ހޮސްޕިޓަލްތަކުގެ މެޑިކަލް ސްޓާފުން މުޒާހަރާކުރަމުން ދަނީ ކޮވިޑް-19 ފެތުރުމުގެ ވެސް މާކުރިންނެވެ.

ޒިމްބާބުވޭ އިން ވަނީ 4,075 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 80 މީހުން މަރުވެފަ އެވެ.