އައްޑޫން އަނެއްކާ ވެސް މީހަކު ޕޮޒިޓިވްވެއްޖެ
އައްޑޫން އަނެއްކާ ވެސް މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫގައި ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ކޮވިޑް-19 އަށް ޓެސްޓް ކުރި މީހަކު މިއަދު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި އެ އަތޮޅުން ޕޮޒިޓިވްވި ތިން ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ޕޮޒިޓިވް ވެފައިވަނީ ހިތަދޫން ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު މިއަދު ޓެސްޓް ހެދި 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ހިތަދޫގައި ހިންގާ އައްޑޫ ހައި ސްކޫލްގައި ހަދާ އިމާރާތެއްގެ މަސައްކަތުގައި އުޅޭ ބިދޭސީއަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވިއިރު، މާލެއިން އައްޑު އަށް ގޮސް ހޯމް ކަރަންޓީނުގައި ފޭދޫގައި ހުރި ފުލުހަކު ވެސް ރޭ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ، މިކަމާ ގުޅިގެން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ހިތަދޫން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ އަވަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ. ހިތަދޫ ބަންދު ކުރިއިރު، އެއީ އައްޑޫގައި ދައުލަތުގެ މުހިންމު މުއައްސަސާތަކެއް ހިންގާ ރަށެކެވެ. އޭގެ ތެރޭގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކޮވިޑް މެނޭޖްމަންޓް ސެންޓަރާއި ބައެއް މިނިވަން މުއައްސަސާތަކުގެ އޮފީސްތައް ފަދަ ތަންތަން ހިމެނެ އެވެ.

އައްޑޫގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން އައްޑު އަށް ގޮސް ގަމުގެ އީކްއޭޓަ ވިލެޖްގެ ކަރަންޓީނުގައި ހުރި ދުވަސްވީ އަންހެނެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ކޮވިޑް-19 އާ ދިމާކޮށް މާޗް މަހުގެ ތެރޭގައި އައްޑޫގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައި ކަންކަން މޮނިޓަކުރަމުން ދިޔަ ނަމަވެސް ފަހުން ދިން ލުއިތަކާ އެކު، އެ މަސައްކަތްތައް އެގޮތަށް ނުދާތީ ރައްޔިތުންގެ ޝަކުވާތައް ވެސް ބޮޑުވެފައިވެ އެވެ. ވަކިން ހާއްސަކޮށް ކައުންސިލްގެ ދައުރު މިކަމުގައި ކުޑަކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކައުންސިލަށް ފާޑު ވެސް ކިޔަމުންނެވެ.