11 އޯގަސްޓް 2020 - 08:35

ރޮސާރިއޯ (އޮގަސްޓް 11) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އޭނާގެ އުފަން ގައުމު ކަމަށްވާ އާޖެންޓީނާގެ ހޮސްޕިޓަލްތަކަށް 50 ވެންޓިލޭޓަރު ހަދިޔާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެސީގެ އިމޭޖް ރައިޓްސް ކޮމްޕެނީގެ އޮފިޝަލަކާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ ވަނީ ރޮސާރިއޯގެ އިތުރުން ދެން ބޭނުންޖެހިފައިވާ އެހެން ހޮސްޕިޓަލްތަކަށް 50 ވެންޓިލޭޓަރު ހަދިޔާކުރަން ނިންމައިފަ އެވެ.
އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މެސީ ވެންޓިލޭޓަރު ހަދިޔާކުރަން ނިންމީ އެ ގައުމުގައި ކޮވިޑް-19ގެ ސަބަބުން ހާލަތު ގޯސްވާ ދުވަސްވީ މީހުން ގިނަ ވަމުންދާތީ އެ މީހުންނަށް ފަރުވާ ދިނުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މެސީގެ ފަރާތުން ދޭ 50 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް 38 ވެންޓިލޭޓަރު ވަނީ އާޖެންޓީނާ އަށް ފޮނުވައިފަ އެވެ. އަދި ކުރިއަށް ހަފްތާއެއްހާ ދުވަސްތެރޭގައި ބާކީ ހުރި ވެންޓިލޭޓަރުތައް ވެސް އާޖެންޓީނާ އަށް ފޮނުވާނެ އެވެ.
މިއީ ކޮވިޑް-19އާ ގުޅިގެން އާޖެންޓީނާ އަށް މެސީގެ ފަރާތުން ދިން ދެ ވަނަ އެހީތެރިކަމެވެ. މީގެ ކުރިން މެސީ ވަނީ ރޮސާރިއޯގެ ހޮސްޕިޓަލްތަކަށް 500،000 ޔޫރޯ ދީފަ އެވެ. އެ ފަހަރު މެސީ ވަނީ ސްޕެއިނުގެ ބާސެލޯނާ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ވެސް 500،000 ޔޫރޯ ދީފަ އެވެ. އެ ފަހަރު މެސީ ވަނީ ފައިސާގެ އިތުރުން ސިއްހީ ހިދުމަތްތަކަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ފޯރުކޮށްދީފަ އެވެ.
މިދިޔަ އަހަރު އެކަނިވެސް އާމްދަނީގެ ގޮތުގައި މުޅި އަހަރަށް ބަލާއިރު 104 މިލިއަން ޕައުންޑް ލިބުނު މެސީ އަކީ ގިނަ އަދަދެއްގެ އެހީތެރިކަމެއް އެކި ކަންކަމަށް ފޯރުކޮށްދޭ އެތުލީޓެކެވެ. މެސީ ވަނީ އޭނާގެ ޗެރިޓީ ކަންތައްތައް ކުރިއަށްގެންދިއުމުގެ ގޮތުން އަމިއްލަ ނަމުގައި ފައުންޑޭޝަނެއް ވެސް އުފައްދައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މެސީ ފައުންޑޭޝަނުގެ ފަރާތުން އަހަރެއްގެ މައްޗަށް ޗެރިޓީގެ ގޮތުގައި އާންމުގޮތެއްގައި 15 ނޫނީ 20 މިލިއަން ޕައުންޑް ހަރަދުކުރެ އެވެ. މިދިޔަ އަހަރު މެސީ ފައުންޑޭޝަނުގެ ފަރާތުން ވަނީ ޔުނިސެފް މެދުވެރިކޮށް ކެންޔާގެ 2000 ކުޑަކުދިންނަށް ކާނާ އާއި ސާފު ބޯފެން ފޯރުކޮށްދީފަ އެވެ. ކެންސަރު ޖެހޭ ކުޑަކުދިންނަށް ވެސް އަހަރެއްގެ މައްޗަށް މެސީ ފައުންޑޭޝަނުގެ ފަރާތުން އެކި ހަރަދުތައް ކުރެ އެވެ. އެ ގޮތުން އޮޕަރޭޝަން ކުރުމުގެ ހަރަދުތަކާއި އެ ބަލީގެ ފަރުވާ ކުރުމުގައި ހޭދަވާ އެހެން ހަރަދުތައް ދެނީ މެސީ ފައުންޑޭޝަނުގެ ފަރާތުންނެވެ.
މެސީ ފައުންޑޭޝަނަކީ ސްޕެއިނުގެ ކެޓަލޫނިއާ ސަރަހައްދުގެ ސްޕެޝިއަލް އޮލިމްޕިކްސްގެ ވެސް މުހިއްމު ޕާޓްނަރެކެވެ. އެ ގޮތުން ކެޓަލޫނިއާގައި ދިރިއުޅޭ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކުޅިވަރު ތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމުގައި މެސީ ފައުންޑޭޝަނުން އަހަރެއްގެ މައްޗަށް އެއް މިލިއަން ޕައުންޑް ހޭދަކުރެ އެވެ.
ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަން ކުރާ މަަސައްކަތުގައި އެކި ކުޅުންތެރިން އަންނަނީ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާ އުފަން ސަރަހައްދު ކަމަށްވާ ޕޯޗުގަލްގެ މެޑެއިރާ އާއި ޕޯޗުގަލްގެ ލިޒްބަންގެގެ ގިނަ ހޮސްޕިޓަލްތަކަށް ސާމާނު ފޯރުކޮށްދީފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ބާސެލޯނާގެ ހޮސްޕިޓަަލަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިންއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑް ވަނީ އިންގްލެންޑުގެ ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށައި ގިނަ އާއިލާތަކަކަށް އެހީތެރިވެފަ އެވެ.