އިޝާނަށް ހަނގުރާމައިގެ ފިލްމެއް، ނަމަކީ "ޕިއްޕާ"
އިޝާނަށް ހަނގުރާމައިގެ ފިލްމެއް، ނަމަކީ "ޕިއްޕާ"

މީގެ ދެ އަހަރު ކުރިން އެކްޓިން އަށް ނުކުތް އުންމީދީ ޒުވާން އެކްޓަރު އިޝާން ޚައްތަރު ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ސޮއިކޮށްފި އެވެ.

ރޯނީ ސްކްރޫވާލާ އާއި ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "ޕިއްޕާ" އެވެ. މީގެ ޑައިރެކްޓަރަކީ 2016 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާން 2017 ގައި ކުޅުނު "ޝެފް" ގެ ޑައިރެކްޓަރު ރާޖާ ކްރިޝްނާ މެނަން އެވެ.

"ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާގެ ރޯލް ފިލްމުގައި ކުޅޭނީ އިޝާނެވެ.

ސައުވީސް އަހަރުގެ އެކްޓަރު ބުނީ އޭނާގެ ކެރިއަރުގެ މިހާ ކުރީކޮޅު އިންޑިއާގެ އަސްކަރިއްޔާގެ ވަރުގަދަ އޮފިސަރެއްގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ފިލްމަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ބުންޏެވެ. ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާނަކީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީ 2018 ގައި ގެނެސްދިން ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" އިން އެކްޓިން އަށް ނުކުތް ތަރިއެކެވެ. އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2018 ގެ "ދަޅަކް" އެވެ.

"ޕިއްޕާ" ހަދަން ނިންމާފައި ވަނީ ބަލްރާމްއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތް "ދަ ބާނިން ޝެފީސް" އަށް ބިނާކޮށެވެ. މީގެ ސްކްރީންޕްލޭގައި ހިއްސާވަނީ ރާޖާގެ އިތުރުން ރަވިންދުރަ ރާންދުވާ އަދި ތަންމޭ މޯހަނެވެ.

ރާޖާ ބުނީ "ޕިއްޕާ" އަކީ ވަރަށް އަސަރު ގަދަ ޖަޒުބާތީ ފިލްމަކަށްވާނެ ކަމަށާއި މިއީ ވަތަނީ ރޫހު ވެސް ވަރަށް ބޮޑަށް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

"ޕިއްޕާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

މިދިޔަ މަހު ބީބީސީ ވަން އިން ގެނެސްދޭން ފެށި މިނީ ސީރީޒް "އަ ސޫޓަބަލް ބޯއި" ގެ ރޯލެއް ވެސް ކުޅެފައިވާ އިޝާންގެ ކުރިއަށް ހުރި ފިލްމުތަކަކީ އަނަންޔާ ޕާންޑޭއާ އެކު ފެނިގެންދާ ރޮމޭންޓިކް އެކްޝަން ފިލްމު "ކާލީ ޕީލީ" އާއި ކެޓްރީނާ ކެއިފާއި ސިދާންތު ޗަތުރަވެދީއާ އެކު ކުޅޭ ހޮރޯ-ކޮމެޑީ "ފޯންބޫތު" އެވެ.