15 އޯގަސްޓް 2020 - 19:08

ހދ. ކުރިނބީގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓްކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެ ރަށު ކައުންސިލުން ބުނިގޮތުގައި މާލެ އިން ގޮސް ހުރި އެ ފިރިހެން މީހާ ޕޮޒިޓިވްވެފައި ވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު މިއަދު ހެދި ޓެސްޓުންނެވެ. އޭނާ ހުރީ އެކަނި ކަމަށާއި އަދި ރަށުން އެހެން މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، އެހެން ތިބޭ ބައެއް މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެގޮތުން އިއްޔެ ފ. ނިލަންދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވި އިރު، އެ ރަށު ދެ މީހަކު ކުރިން ވަނީ ޕޮޒިޓިވްވެފަ އެވެ.
މާލެ ސަރަހައްދު ފިޔަވައި ދެން ކޮވިޑް-19 ފެނިފައި ވަނީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ޅ. ނައިފަރު ކ. މާފުށި ތުލުސްދޫ، ވ. ފުލިދޫ، ފުވައްމުލައް، އައްޑޫ ހިތަދޫގެ އިތުރުން ފޭދޫންނެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެ ބަލީގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.