16 އޯގަސްޓް 2020 - 08:05

ބުދަ ދުވަހާ ގުޅޭ
"ރިފާ ހާދަ ރީއްޗޭ!" ނުބުނެ ނުހުރެވިގެން، ވައި އަޑުން މިހާދު ބުންޏެވެ.
ކުރިން ސުރެ ހިތުގެ ވިންދު އަވަސްވެފައިވާ ރިފާގެ ހިތް ހުއްޓުނު ކަހަލައެވެ. އުފާވާން ނޭނގުނު ތާނގައި ހައިރާންވާކަށް ވެސް ރިފާ އަކަށް ނޭނގުނެވެ. ރިފާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. އިންޑިޔާއަށް އައި އިރު އެއްވެސް ޝައުގުވެރިކަމެއް އުފެދިފައި ނުވާ މީހަކަށް ރިފާގެ ހިތް ފިދާވާކަށް ރިފާ ބޭނުމެއް ނޫނެވެ. އެކަމަކު ހިތަކީ ކާކަށް ބާރުފޯރުވޭ އެއްޗެއް ހެއްޔެވެ؟ މާދަމާ ކަންތައް ވެދާނެ ގޮތަކާ މެދު ވިސްނަނީ ސިކުނޑިއެވެ. ހިތަކީ އަމިއްލަ އެދުން ބޮޑު ގުނަވަނެކެވެ. ފަހުން ރޯންޖެހިދާނެ ކަމަކަށް ހިތެއް އިންޒާރެއް ނުދޭނެއެވެ. އެއްވެސް އެއްޗެއް ނުބުނެ ރިފާ އަލުން ފާހާނާއަށް ވަނެވެ. މިހާދު ހީކުރީ ރިފާ ހިތްހަމަނުޖެހުނީ ކަމަށެވެ. އެ ޝުއޫރު ފާޅު ނުކުރެވުނު ނަމައޭ މިހާދު ހިތަށްއެރިއެވެ. ފާހާނައިގެ ފާރުގައި ލެނގިލައިގެން ވިސްނަން ހުރި ރިފާ ކަންބޮޑުވަނީ މިހާދުގެ ނުރަނގަޅު ސިފައެއް ނުފެންނާތީއެވެ. ރަނގަޅު ސިފަތައް ގިނަ ވާތީއެވެ. ފަގީރުންނަށް އެހީވާ ތަނާއި، މިހާދުގެ ކެތްތެރިކަން ރިފާއަށް ފެނިއްޖެއެވެ. އެއް ކޮޓަރީގައި ނިދާ އިރު ހުރިހާ ބާރެއް އޮތީ މިހާދު އަތުގައެވެ. އެހެނަސް ރިފާ ގައިގައި އަތްލާކަށް މިހާދު ނޫޅެއެވެ. ލޯބީގެ ވާހަކައެއް މިހާދު ނުދައްކައެވެ. އެ ދަނޑިވަޅަކީ ޒާހިރު މަތިން ރިފާ ވަރަށް ހަނދާންވި ދަނޑިވަޅެކެވެ.
ކަމަކާ ނުލައި އެހެން މީހެއް މަތިން ކުއްލިއަކަށް ހަނދާންވާނީ، އެ މީހާ ވެސް އެ ވަގުތު ތިމާ ހަނދާންކުރާތީއެވެ. ކަންތައް ވީ ވެސް އެހެންނެވެ. ޒާހިރު މަތިން ރިފާ ހަނދާންކުރި ވަގުތަކީ، ޒާހިރު ގާތުގައި ރިފާ ހުންނަން ޒާހިރު ވަރަށް ބޭނުންވި ވަގުތެކެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ޒާހިރު އިނީ ޒުލްފާގެ ބައިގައެވެ. ޒާހިރާއި ރިފާ ދުރުކުރަން ޒުލްފާ ފަންޑިތަ ހަދާކަން ޒާހިރަށް އެނގެއެވެ. ޒުލްފާއަކީ ރިފާގެ ތުއްތުބޭގެ އަންހެނުންނެވެ. ކިތަންމެ ބޮޑު ކަމެއް ޖެހިގެން ޒުލްފާ ގޮވިޔަސް، ރިފާ ނުވަތަ ނަޝްފާ ނުލައެއް ޒުލްފާ އުޅޭ ބަޔަކަށް ޒާހިރު ނުވަދެއެވެ. ކަން ދިމާކުރި ގޮތުން އެ ވަގުތު ރިފާއެއް ނަޝްފާއެއް ވެސް ނެތެވެ. ކުރިމަތީގައި އިށީނދެލައިގެން އިނީ ޒުލްފާއެވެ. އެއީ ޒުލްފާ ބޭނުންވި ކަހަލަ ދަނޑިވަޅެކެވެ. ޒާހިރު އައީ ކޭބަލްޓީވީގެ ވާގަނޑު ހަލާކުވެގެން އެ ކަން ހައްލުކޮށްދޭށެވެ. ގޭތެރޭގައި ކުރާ އެ ފަދަ ކުދިކުދި ހުރިހާ ކަމެއް ކުރަން ޒާހިރަށް އެނގެއެވެ. ޒާހިރަށް ޒުލްފާ ހިތްކިޔައިގެން އުޅެނީ ވެސް އެހެންވެއެވެ. ހަމަ އެހެންމެ، ކޭބަލްޓީވީގެ ވާގަނޑު ހަލާކުވީ ނޫން ކަމާއި ވާގަނޑު އޮތީ ގަސްތުގައި ބުރިކޮށްލާފައިކަން ޒާހިރަށް އެނގެނީ ވެސް އެހެންވެއެވެ. ޑިކޯޑަރު ދަމާލެވޭ ގޮތަކުން ވާގަނޑު ބުރިއެއް ނުވާނެއެވެ. އެ ވާގަނޑު ހަދާފައި ހުންނަނީ މާ ވަރުގަދަކޮށެވެ. ޒާހިރު މަސައްކަތްކުރީ އަވަހަށް އެ ކަން ރަނގަޅު ކޮށްފައި އެ ތަނުން ނުކުންނާށެވެ. ޒުލްފާއާ އެއްވެސް ވާހަކައެއް ދައްކާކަށް ޒާހިރު ބޭނުމެއް ނުވެއެވެ. އެކަމަކު ޒުލްފާ ދަނޑިވަޅުގެ ބޭނުން ހިފިއެވެ.
"ތީ ވަރަށް ފަސޭހައިން ގުޅާލެވޭ އެއްޗެއްތަ؟" ލާނެތް ހިންޏެއް އައިސްފައި އިނދެގެން ޒުލްފާ އެހިއެވެ.
"އާނ!" ޒާހިރު ކުރު ޖަވާބަކުން ފުއްދާލިއެވެ.
"އެކަމަކު ކައިވެނި ތިހެން ގުޅުވައެއް ނުލެވޭ ދޯ؟" ޒުލްފާ ބޭނުންވި މިސްރާބަށް ވާހަކަ އަނބުރައިލިއެވެ. "ކައިވެނީގެ ވާގަނޑު އެއްކޮށް ބަދަލުކޮށްލަން ދޯ ޖެހޭނީ؟ ޒާހިރު ވެސް އެހެން ހަދަންވީނު!"
ޒުލްފާ ބުނީ ކީކޭކަން ޒާހިރަށް ސާފުކޮށް އެނގުނެވެ. އެކަމަކު އެނގޭ ކަމަކަށް ނެހެދިއެވެ.
"އައިސް ފެންތަށްޓެއް ލިބިދާނެތަ؟" ޒާހިރު އެހިއެވެ.
ޒާހިރުގެ ބޭނުމަކީ ޒުލްފާ އެ ތަނުން ފައްސާލުމެވެ. ޒުލްފާ ދުށް ގޮތުގައި ޒުލްފާއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ތަށްޓަށް ފެން އަޅައިގެން ޒުލްފާ އައީ ޒާހިރުގެ ފުރަގަހުންނެވެ. މޭޒުމަތީގައި ތަށި ބެހެއްޓީ ވެސް ޒާހިރުގެ ފުރަގަހުން ގުދުވެގެންނެވެ. ޒާހިރު ދުރަށް ޖެހިލުމުން ވެސް ޒާހިރު ގައިގައި ނުޖެހި ޒުލްފާއަށް ފެންތަށި ބެހެއްޓުނު ކަމަކަށް ނުވިއެވެ.
"އަހަރެން ވަރަށް ދެރަވި ރިފާ އެ ފާޑަށް ޒާހިރުގެ ގަޔަށްބޮލަށް އަރައިގަތީމަ،" ފެންތަށި ބަހައްޓައިފައި ގޮނޑީގައި އިށީންނަމުން ޒުލްފާ ބުންޏެވެ. "އޭނަޔާ ހެދި ކިހާ ވަރަކުން ޒާހިރު ތި އުޅެނީ. އޭނަ ވެސް ޖެހޭނެ ކަންނޭނގެ އެ ވަރު ދަންނަން. ވަރިކުރާށޭ ކިޔާފަ ފިރިމީގެ ބޮލަށް އަނބިމީހާ އަރައިގަތުމަކީ ހަޑި ކަމެއް. ލަދު ކަމެއް. އެންމެ ފަހަރަކު ވެސް ނޫން އެހެން ހެދީ. ދެން ވެސް ނޭނގެ އެހެން ނުވާނެކަމެއް."
ޒާހިރު ހިތަށްއެރިއެވެ. ޒުލްފާ ފަންޑިތަހެދިކަން ޒާހިރަށް އެނގެޔޭ ބުނެފާނަމެވެ. ޒާހިރާ އިންނަން ޒުލްފާ ދެކޭ ހުވަފެން ވާނީ ބިލާހަކަށޭ ވެސް ބުނެފާނަމެވެ. އެހެނަސް އޭރުން އަނެއްކާ ވެސް ގޭތެރޭގެ މަސްލަހަތު ގެއްލޭނެއެވެ. ނަސީބަކުން އެ ވަގުތު މަންދޫހު ވަނެވެ. މަންދޫހަކީ ޒުލްފާގެ ފިރިމީހާއެވެ. ރިފާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ޒުލްފާ ކުޅެލަން ބޭނުންވި ކުޅިވަރު މެދުކެނޑުނީ މަންދޫހުގެ ސަބަބުންނެވެ. ގެއަށް ވަން އިރު ވެސް މަންދޫހު ހުރީ ވަރުބަލި ގޮތަކަށެވެ.
"ޒުލްފާ! ކޮފީއެއް ހަދާލަބަލަ!" މަންދޫހު ސޯފާގައި އިށީންނަމުން ބުންޏެވެ.
"ކަންތަކާ ޖެހުނީ!" ޒުލްފާ ހިތްހަމަނުޖެހިފައި ބުންޏެވެ. "މީ ރެސްޓޯރަންޓެއްތަ؟ ތި ބޯ އެއްޗެއް ބޮއެގެން ގެއަށް ވަދެބަލަ!"
ޒުލްފާ ކޮޓަރިއަށް ވަދެފައި ދޮރު ޖެހި އަޑަށް ޒާހިރު ދިޔައީ ސިއްސައިގެންނެވެ. ކޮޓަރިއަށް ވަދެފައި ވެސް ޒުލްފާ އެއްޗެހިތަކެއް ކިއެވެ. އެކަމަކު ޒާހިރަކަށް އޮޅުންފިލާ ވަރެއް ނުވިއެވެ.
އާ ދުވަހަކަށް އިރު އެރިއެވެ. ރިފާ މަޑުމަޑުން ކޮޓަރިއަށް ހޭނެން ފެށިއެވެ. ބިރުކެނޑެން ފެށިއެވެ. ރިފާ ބޭނުންވީ މިހާދު ހޭލުމުގެ ކުރިން ފެންވަރައިގެން ހުންނާށެވެ. ފާހާނަޔަށް ވަދެ އަވަސްއަވަސްކޮށްލައިގެން ނުކުތް އިރު މިހާދު ހުރީ ފާހާނައިގެ ދޮރު ކައިރީގައެވެ. ރިފާ ދިޔައީ ސިއްސައިގެންނެވެ.
"ރިފާ ކިހިނެއް ތި ފެންވަރަނީ؟" މިހާދު އެހިއެވެ. "ފެންވަރާ އަޑެއް ނީވޭ!"
ރިފާ ހިތަށްއެރިއެވެ. ރިފާ ފެންވަރަން ވަނީމައި މިހާދު ހުންނަނީ ފާހާނަ ދޮރުގައި ކަންފަތް ޖަހައިގެން ހެއްޔެވެ؟ އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެކަމަކު އެހެން ވެސް އަހާކަށް ނުކެރުނެވެ.
"ފާހާނައިގަ ހުންނަ އެއްޗެއްސާ ކުޅެން ނޭނގެނީތަ؟" މިހާދު ސުވާލުކުރިއެވެ. "ކޮން ފެނަކުން ތި ފެންވަރަނީ؟ ހޫނު ފެނުންތަ؟"
ފާހާނައިގަ ހުރި އިސްކުރުތަކާ ކުޅޭކަށް ރިފާ އަކަށް ނޭނގެއެވެ. ވީމާ ރިފާ ފެންވަރަނީ އިސްކުރު ކައިރީގައި ހުރެގެން ޖޯޑަކަށް ފެން އަޅައިގެން އެ ފެން ބޮލަށް އޮއްސައިގެންނެވެ. ވަރަށް އުނދަގޫ ގޮތަކަށެވެ.
"ފިނި ފެނުން!" ބޯހޫރައިލައިފައި ރިފާ ބުންޏެވެ.
"އަހަނ! މިހާ ފިނި ކޮޓަރިއެއްގަ އުޅެފަ ފިނި ފެނުން ކީއްވެ ތި ފެންވަރަނީ؟ ހީކަރުވާނެެއްނު!" ހިތްހަމަނުޖެހިފައި މިހާދު ބުންޏެވެ. "އެއް ގޮތަކަށް ވެސް ތިހެން ކަމަކުނުދާނެ. ފާހާނައިގަ ހުންނާނެ ހޫނު ފެން."
މިހާދު ބުނީ ތެދެއްކަން ރިފާއަށް ގަބޫލުކުރެވުނެވެ. ފެންވަރާ އިރު ރިފާ ވަރަށް ހީކަރުވައެވެ. ގައިގައި ފެން ފޮދެއް ޖައްސައިލަނީ ވަރަށް ހިތްވަރުކޮށްގެންނެވެ. ފެންވަރަން ނުވަރަން ދެ ފިކުރުގައި ވެސް އެތައް އިރަކު ރިފާއަށް ހުރެވެއެވެ.
"އަޅާނުލާ!" ރިފާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ހޫނު ފެނުން ފެންވަރާކަށް."
"ދެން އެހެނެއް ނުވާނެ! ވަދެބަލަ ފާހާނަޔަށް އަހަރެން ކިޔައިދޭނަން ހަދާ ގޮތް." މިހާދު އެދުނެވެ.
ހަޅޭއްލެވިޔަސް އަޑުއިވޭ އިސާބަކު ރިފާގެ "ފިރިމީހާ" ޒާހިރެއް ނެތެވެ. ރިފާ ވިސްނައިލިއެވެ. ރާއްޖެއިން ބޭރު ތަނެކެވެ. ރިފާއަށް މިހާދު ދަސްވެފައިވަނީ ވަރަށް ކުޑަކޮށެވެ. މިހާދާ އެކުގައި ފާހާނައަށް ރިފާ ވަންނާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އިންކާރު ކުރާކަށް ވެސް ނުކެރުނެވެ.
"ވަދެބަލަ!" އޯގާތެރިކޮށް މިހާދު އެދުނެވެ. "ކައެއް ނުލާނަމޭ!"
ވިސްނަން ހުރެލާފައި ރިފާ ފާހާނައަށް ވަނެވެ. މިހާދު ވަދެފައި ދޮރެއް ނުލައްޕައެވެ. ރިފާ ގަޔަކު ނުވެސް ޖެހެއެވެ. ޖެހިދާނެތީ މިހާދު އުޅެނީ ވަރަށް ބަލައިގެންނެވެ. އެ ސިފަ ވެސް ރިފާއަށް ވަރަށް ކަމުދިޔައެވެ. ފާހާނައިގައި ހުރި ހުރިހާ އިސްކުރެއް ދޫކުރާ ގޮތާއި، ހަދަންވާ ހުރިހާ ގޮތެއް މިހާދު ކިޔައިދިނެވެ. ބިލިގާއަށް ހިހޫފެނާއި ހޫނުފެން އަޅާނެ ގޮތާއި، ބިލިގާއިން ފެން ހުސްކުރާނެ ގޮތާއި، އެ ތަނުގައި ހުރި ފުޅިތަކުގެ މަތި ނަގާނެ ގޮތް ވެސް ކިޔައިދިނެވެ.
"ރަނގަޅަށް ފެންވަރަން ވާނެއްނު!" އޯގާތެރިކަމާ އެކުގައި މިހާދު ބުންޏެވެ. "މި ކަހަލަ ތާކަށް އައިސް ނުކައި ނުބޮއި، ފެންނުވަރާ ކިހިނެއް އުޅޭނީ؟ ރިފާއަށް އެއްޗެއް ނޭނގިއްޖެއްޔާ އަހަރެން ކައިރީގަ އަހާބަލަ! ރުޅިއެއް ނާންނާނަމޭ. މިއަދު އަހަރުމެން ކޮން ތާކަށް ދާނީ؟ ކޮންމެވެސް ޖަވާބެއް ދެއްޗޭ!"
"އަހަރެން ދާނެ ތަނެއް ނެތް!" ކުޑަކޮށް ރަކިވެފައި ރިފާ ބުންޏެވެ. "މިހާރު ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނީ؟"
"އާނ! ތި ވާހަކަ ދައްކަން ބޭނުންވެފަ މިހިރީ. މާދަމާ ރެއަށް ހުރިހާ ކަމެއް ހަމަޖެހިއްޖެ!" ވާހަކަދައްކަމުން ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ފާހާނައިން ނުކުތެވެ. "އަދި އޮތް ގޮތުން މާދަމާ ރޭ ކައިވެނި ކުރެވޭނެ. ވަރަށް ބޮޑު ތަނެއްގަ ބޮޑު ކެއުމެއްތަ ބާއްވާނީ ނޫނީ ވަރަށް ކުޑަ ގޮތަކަށްތަ ކައިވެނިކުރާނީ؟ ރިފާ ބޭނުން ގޮތަކަށް ނިންމާ. އަހަރެން ގޮތެއް ނުކިޔާނަން."
އެހާ ބޮޑު ނިންމުމެއް ނިންމަން ރިފާއަށް ދޫކޮށްލައިގެން މިހާދު ސާބިތުކޮށްދޭން އުޅެނީ ކޮން ކަމެއްބާއޭ ރިފާ ހިތަށްއެރިއެވެ.
"ކީއްކުރަން ބޮޑު ކެއުމެއް ބާއްވަނީ؟" އިސްތަށިގަނޑުގައި އޮޅައިފައިވާ ތުވާލި މޮހާލަމުން ރިފާ ބުންޏެވެ.
"ރިފާ މީހަކާ އިންނާތީ!" މިހާދު ބުންޏެވެ.
ރިފާގެ ހިތުގައި އުފެދޭ ހުރިހާ ސުވާލެއް ރިފާ ހިތުގައި ފޮރުވަނީ މިހާދާ ވާހަކަދައްކަން ބޭނުން ނުވާތީއެވެ. އެކަމަކު ހިތުގެ ބިންގަރާސް ފުރެން ކައިރިވެއްޖެއެވެ. ކިތަންމެ ބޭނުން ނޫނަސް، ބައެއް ސުވާލު ކުރަން ރިފާއަށް މަޖުބޫރުވާން ފަށައިފިއެވެ.
"ތިހާ ގިނަ ލާރި ހަރަދުކޮށްފަ ކައިވެނި ތި ކުރަނީ ފަހުން އަހަރެން ވަރިނުކުރަންތަ؟" ރިފާ އެހިއެވެ.
ނުނިމޭ