ދޯނީ ބައިނަލްއަގްވާމީ ކްރިކެޓަށް އަލްވަދާއު ކިޔައިފި
ދޯނީ ބައިނަލްއަގްވާމީ ކްރިކެޓަށް އަލްވަދާއު ކިޔައިފި

މުމްބާއީ (އޮގަސްޓް 16) – އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާކޮށްފި އެވެ.

އިންޑިއާގެ ލިމިޓެޑް އޯވާ ކްރިކެޓް ދެ ޓީމުގެ ކެޕްޓަންގެ ޒިންމާ 10 އަހަރު ނެގި ދޯނީ ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާ އަށް 2007 ވަނަ އަހަރުގެ ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕް އަދި 2011 ވަނަ އަހަރުގެ 50 އޯވަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ.

އުމުރުން 39 އަހަރުގެ ބެޓްސްމަން އަދި ވިކެޓްކީޕަރު ރިޓަޔާކުރިކަން އިއުލާންކުރީ އޭނާގެ ކެރިއަރުގެ އުސްއަލިތައް ހިމެނޭ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމަށް ފަހު އެވެ.

"އަބަދުވެސް ދިން ލޯތްބާއި ތާއީދަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. މިއަދުގެ 7:29 އިން ފެށިގެން ބަލާ އަހަންނަކީ ރިޓަޔާޑް މީހެއް ކަމަށް،" ދޯނީ ލިޔުނެވެ.

ކްލަބް ލެވެލްގައި ކުޅޭނެކަމެއް ނުވަތަ ނޫން ކަމެއް ދޯނީ ނުބުނެ އެވެ. އެކަމަކު އޭއެފްޕީ އަށް ވާހަކަދައްކަމުން ޗެންނާއީ ސުޕަ ކިންގްސްގެ ޗީފް އެގްޒެކެޓިވް ކަސީ ވިޝްވަނާންތު ބުނީ އަންނަ މަހު ދުބާއީގައި ފަށާ އިންޑިއަން ޕްރިމިއާ ލީގުގައި ދޯނީ އެ ޓީމަށް ކުޅޭނެ ކަމަށެވެ.

ދޯނީ ވަނީ 2014 ވަނަ އަހަރު ޓެސްޓް ކްރިކެޓް ކުޅުން ހުއްޓާލައިފަ އެވެ. އަދި މިދިޔަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ނިއު ޒީލެންޑް އަތުން އިންޑިއާ ބަލިވި ފަހުން އެ ޓީމަށް ވެސް ކުޅެފައެއް ނުވެ އެވެ.

އެންމެ ފުރަތަމަ ބޭއްވި ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕް 2007 ވަނަ އަހަރު އިންޑިއާ އަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން ދޯނީގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ވަގުތުކޮޅަކީ 2011 ވަނަ އަމިއްލަ ގައުމުގައި ބޭއްވި 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗެވެ. އެ މެޗުން ސްރީ ލަންކާ އަތުން އިންޑިއާ މޮޅުވީ ދޯނީ ހަޔަކަށް ޖެހި ބޯޅައާ އެކު އެވެ.

ދޯނީ ވަނީ ކެޕްޓަނެއްގެ ހައިސިއްޔަތުން އިންޑިއާ އަށް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ވެސް ކާމިޔާބުކޮށްދީފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަނަށެވެ. އަދި އޭނާ އަކީ ކެޕްޓަނެއްގެ ގޮތުން އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. މެޗުގެ އަދަދަކީ 332 އެވެ.

އިންޑިއާގައި މަދަނީ ފަރާތްތަކަށް ދޭ ތިން ވަނަ އަށް އެންމެ މަތީ ޝަރަފް ކަމަށްވާ ޕަދްމާ ބުޝާން ހާސިލްކޮށްފައިވާ ދޯނީ އިންޑިއާގެ ޓެރިޓޯރިއަލް އާމީގެ ރަމްޒީ އޮފިސަރެއް ވެސް މެ އެވެ.

ސްކޫލް ދައުރުގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވި ނަމަވެސް ދޯނީގެ އަށް ޒުވާން ދުވަސްވަރު މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެގޮތުން އިންޑިއާގެ ރެއިލްވޭގެ ޓިކެޓް އިންސްޕެކްޓަރެއްގެ ވަޒީފާ އަދާކުރަން ޖެހި ކްރިކެޓް ކެރިއަރަށް ހިޔަނި އެޅުނު ނަމަވެސް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ ޓީމުން ފުރުސަތު ހޯދި ގޮތަށް އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ އެވެ.