16 އޯގަސްޓް 2020 - 14:08

ރާއްޖޭގެ ބޯޑަރު ހުޅުވައިލި ފަހުން މަހެއް ވީ އިރު އައިސްފައިވަނީ 5،177 ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައިލީ މިދިޔަ މަހުގެ 15 ގަ އެވެ. އެހެންކަމުން އިއްޔެ އަށް މިވަނީ އެއް މަސްވެފަ އެވެ.
މިދިޔަ މަހުގެ 15 އިން 31 އަށް ރާއްޖެ އައީ 1،701 ޓޫރިސްޓުންނެވެ. އަދި މި މަހުގެ 1 އިން 15 އަށް 3،476 ޓޫރިސްޓުން އައިސްފައިވެ އެވެ
މި ދުވަސްވަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތާއި އެމެރިކާ އާއި ޔޫއޭއީ އާއި ޖަރުމަން ފަދަ ގައުމުތަކެވެ. މީގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ސްޕެއިން އާއި ސްވިޒލެންޑާއި އިޓަލީ އާއި ފްރާންސް ފަދަ ގައުމުތަކުން ވެސް ޓޫރިސްޓުން އައިސްފައިވެ އެވެ.
ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އާއި އިންޑިއާ އާއި ޢިޓަލީ ފަދަ ގައުމުތަކެވެ. ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރި އަދި އެންމެ ގިނަ ދުވަސް ވަންދެން ލޮކްޑައުންގައި އޮތް އެއް ގައުމަކީ ޗައިނާ އެވެ. އެހެން ނަމަވެސް މިހާރު ޗައިނާގެ ބައެއް ސްޓޭޓް ވަނީ ހުޅުވައިލައިފަ އެވެ.
ރާއްޖެއަށް އިނގިރޭސިވިލާތުން އެންމެ ގިނަ ޓޫރިސްޓުން އައި އިރު އެ ގައުމުގެ ބޯޑަރުތައް ހުޅުވާލައި ބައެއް ގައުމުތަކަށް ލުއިތަކެއް ދީފައިވެ އެވެ. ނަމަވެސް މި ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. އެހެންކަމުން ރާއްޖެ އަށް އައިސް އެނބުރި އިނގިރޭސިވިލާތަށް ދާ ޓޫރިސްޓުންނާއި ރާއްޖޭން އެ ގައުމަށް ދާ ޓޫރިސްޓުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތް ގެންދިއުމަށް އޮތް މަގަކީ ޓޫރިޒަމް ދާއިރާ ހިނގައިގަތުމެވެ. ރާއްޖެއަށް ލިބޭ އާމްދަނީގެ 60 ޕަސެންޓް ހިއްސާވާ ދާއިރާ، ހުޅުވާލީ ކޮވިޑް ބަލި ޖެހޭ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރުމަށްފަހު އެވެ. އެހެން ނަމަވެސް ލޮކްޑައުންގެ ހާލަތަށް ލުއިތައް ގެނެސް ބޯޑަރު ހުޅުވައިލި ފަހުން އަނެއްކާ ވެސް މިވަނީ މިބަލި ވަރަށް ބޮޑަށް ފެތުރެން ފަށައިފަ އެވެ. މިއާ އެކު ޓޫރިސްޓުން ބުކިން ހެއްދި ނަމަވެސް އަންނަ މީހުން ލަފާކުރި ވަރަށް ވުރެ ވަރަށް ބޮޑުތަން މަދެވެ.
މިއަހަރު މާޗް މަހު ބޯޑަރު ބަންދު ކުރި އިރު ރާއްޖެއަށް އައިސްފައިވަނީ ގާތްގަނޑަކަށް 400،000 ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭ އިރު ރާއްޖެއަށް 850،000 ޓޫރިސްޓުން ގެނައުމެވެ.