16 އޯގަސްޓް 2020 - 15:05

ގެވެށި އަނިޔާ ފަދަ މައްސަލަތަކުގައި، އެ ކުށަކަށް އެކަށީގެންވާ ވަރަށް ފުރިހަމައަށް ގާނޫނީ ބާރު ހިފާނެ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާ އަށް ކުރި ދައުވާގެ ހަބަރާއެކު ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ މިފަދަ މައްސަލައެއްގައި ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އުފުލި ފުރަތަމަ ފަހަރު ކަމަށެވެ.
މިދިޔަ މަހުގެ އެއް ވަނަ ދުވަހު ހިނގައިދިޔަ ހާދިސާއާ ގުޅިގެން އަލިފުށި، ކަސްތޫރިގޭ އަލީ އަމީންގެ މައްޗަށް ދައުވާކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. އޭނާއަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އަދި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ހިމެނެ އެވެ.
އެ މައްސަލައާ ގުޅިގެން އަމީން، 32، ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ކޯޓަށް ހާޒިރުކުރުމުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ކޯޓުން އޭނާ ދޫކޮށްލި އެވެ.
އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އެޅިއަސް އޭނާގެ ހަށިގަނޑުގެ އެތެރެއަށް ނުދެ އެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ އަންހެން މީހާ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސި އެވެ.
އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތައް ގިނަވެފައިވާއިރު، އެފަދަ މައްސަލަތަކުގައި އިންސާފު ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ސަރުކާރުން ކުރިއަށް ވުރެ ހަރުދަނާކޮށްފައިވާ ކަމަށެވެ.
"އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މި ގެންދަނީ އިތުރުކޮށް ހަރުދަނާކުރަމުން. މިގޮތުން ބަލާއިރު، ސަރުކާރުގެ ބަޖެޓުން މިކަމަށް ކުރާ ހޭދަ އިތުރުކޮށްފައިވާކަން އަޅުގަނޑު ފާހަގަކުރަން،" ރައީސް ވިދާޅުވެފައި ވެ އެވެ.