16 އޯގަސްޓް 2020 - 20:17

އދ. މާމިގިއްޔާއި ސ. ހިތަދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓްކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާމިގިލިން އަންހެނެކާއި ހިތަދޫން 38 އަހަރުގެ ފިރިހެނެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ހިތަދޫން މީގެ ކުރިން ވެސް ހޯމް ކަރަންޓީން ނިންމި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.
މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، އެމީހުން ދޫކޮށްލާނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. އެގޮތުން އިތުރު ފަސް ރަށަކުން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައި ވެ އެވެ.
އޭގައި ހިމެނެނީ ނ. މިލަންދޫން 22 އަހަރުގެ އަންހެނަކާއި އދ. މާމިގިލިން ހަ އަހަރުގެ އަންހެން ކުއްޖަކާއި ކ. ހިންމަފުށިން 29 އަހަރުގެ ފިރިހެނަކާއި ފ. ނިލަންދޫން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ރ. ހުޅުދުއްދާރުން 40 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ އަންހެނެކެވެ.
މިހާތަނަށް 5،679 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު 3،208 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.