17 އޯގަސްޓް 2020 - 20:51

ޕާކް ހަޔަޓް މޯލްޑިވްސްވައި ވަޒީފާ އަދާކުރާ ބަންގްލާދޭޝް ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ޕާކް ހަޔަޓާ އެކު މިހާތަނަށް ވަނީ ކޮވިޑްގެ ކޭސްތައް 10 ރިސޯޓަކުން ފެނިފަ އެވެ. އެ ރިސޯޓްތަކުން 15 މުވައްޒަފަކާއި ފަސް ޓޫރިސްޓަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް ފެށުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އެޅި ފިޔަވަޅުތައް ލުއިކޮށްލުމާ އެކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ރާއްޖޭގެ އެކި ރަށްރަށުން ވެސް ވަނީ ކޭސްތައް ފެންނަން ފަށައިފަ އެވެ. މިހާތަނަށް އައްޑު އާއި ފުވައްމުލަކުގެ އިތުރުން 13 ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފަ އެވެ.
ރާއްޖޭން މިހާތަނަށް 5,785 މީހަކު ކޮވިޑް ޕޮޒިޓިވް ވެފައި ވާއިރު 3,349 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި 23 މީހަކު މަރުވެފައިވެ އެވެ.