18 އޯގަސްޓް 2020 - 09:08

ކޮލޯން (އޮގަސްޓް 18) – ޔޫކްރޭން ޝަހުތަރު ޑޮނެސްކް އަތުން 5-0 އިން މޮޅުވެ އިޓަލީގެ އިންޓަ މިލާނުން ޔުރޮޕާ ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިއީ 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފަހުން އިންޓަ ޔޫރަޕުގެ ފައިނަލަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފައިނަލުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ސްޕެއިނުގެ ސެވިއްޔާ އެވެ. ޖުމްލަ ފަސް ފަހަރު ތަށި ހޯދާފައިވާ ސެވިއްޔާ ފައިނަލަށް ދިޔައީ އާދީއްތަ ދުވަހުގެރޭ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ބަލިކުރުމަށް ފަހު އެވެ.
ރޭގެ މެޗުގައި އިންޓަގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އަދި އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އެވެ. އަނެއް ގޯލް ޖެހީ ޑަނީލޯ ޑި އެމްބްރޯސިއޯ އެވެ.
އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ޓީމުގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި ކުޅުންތެރިންނާ މެދު އުފާކުރާ ކަމަށެވެ.
"މިހާރު 10 އަހަރު ފަހުން އަހަރެމެންނަށް މިއޮތީ ތަށްޓެއް އުފުލާލުމުގެ ފުރުސަތު ލިބިފައި. މިއީ އަހަންނާއި ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކޮންޓޭ ބުންޏެވެ.
އިންޓަ ވަނީ ޔުރޮޕާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ ޔުއެފާ ކަޕުގެ ނަމުގައި ކުޅުނުއިރު 1991، 1994 އަދި 1998 ގަ އެވެ. އަނެއްކޮޅުން މި ފަހަރު ތަށި ލިބިއްޖެ ނަމަ ވެގެންދާނީ 2011 ގެ ފަހުން އިންޓަ ހޯދާ ފުރަތަމަ ތަށްޓަށެވެ. އެންމެ ފަހުން ހޯދީ އިޓާލިއަން ކަޕެވެ.