ރާއްޖޭގެ ރީތިކަން އިހުސާސްކޮށްލުމަށް ގާޒާގައި ކެފޭއެއް
ރާއްޖޭގެ ރީތިކަން އިހުސާސްކޮށްލުމަށް ގާޒާގައި ކެފޭއެއް

ގާޒާގައި ރާއްޖެ އިހުސާސް ކުރެވޭގޮތަށް "މޯލްޑިވްސް ގާޒާ"ގެ ނަމުގައި ކެފޭއެއް ހުޅުވައިފި އެވެ.

މޫދާ ކައިރީގައި ހުޅުވި މި ކެފޭއަކީ ގާޒާގެ ރައްޔިތުންނަށް ދަތުރު ނުކުރެވޭތީ އެ ގައުމުގައި ތިބެގެން އެހެން ގައުމެއްގެ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހުޅުވި ކެފޭއެކެވެ. ގާޒާގެ ގިނަ ބަޔަކަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ އެވެ.

މި ކެފޭގެ ކޯ އޯނަރު އިމާދު އަލްބައްޔާ ބޭރުގެ ނޫހަކަށް މައުލޫމާތު ދިންގޮތުގައި މި ކެފޭގެ އެންމެ ބޮޑު މަގުސަދަކީ ގާޒާގެ ރައްޔިތުންނަށް ރާއްޖޭގައި މޫދު ކައިރީގައި ތިބެގެން ކެއުމުގެ ތަޖުރިބާ ހޯދައިދިނުން ކަމަށެވެ.

"ގާޒާގެ ރައްޔިތުންނަށް ރާއްޖެ އަކަށް ނުދެވޭ. އެހެންވެ އަޅުގަނޑުމެން ވިސްނީ ކިހިނެއްހޭ ވާނީ ރާއްޖެ ގާޒާ އަށް ގެނައިއްޔާ،" އިމާދު ބޭރުގެ މީޑިއާތަކަށް ބުންޏެވެ.

ތިން ބުރިއަށް ނަގާފައިވާ މި ކެފޭއިން ކަސްޓަމަރުންނަށް ކާން ދެނީ ވަގުތުން ހިފައިގެން ގެންނަ މަހެވެ. އަދި ބުއިމުގެ ގޮތުގައި ކަރާ، އަލަނާސި ފަދަ "ޓްރޮޕިކަލް" ބުއިންތައް މި ކެފޭއިން ލިބެން ހުރެ އެވެ. މިއީ އާއްމުކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ގަޔާވާ ކެއުންތަކެވެ.

އެ ކެފޭއަށް ދާ ބައެއް ކަސްޓަމަރުން ބުނާގޮތުގައި ކެފޭގައި ތިބޭ ވަގުތު ރާއްޖޭގައި ތިބެވޭ ކަން އެންމެ ބޮޑަށް އިހުސާސް ކުރެވެނީ މަންޒަރުތަކުންނެވެ. އަދި އެތެރޭގެ ޑިޒައިނުގެ ސަަބަބުން ވެސް ރާއްޖޭގެ އިހުސާސް ކުރެވޭ ކަމަށް ކަސްޓަމަރުން ބުނެ އެވެ. ކެފޭގެ އެތެރެ ހަދާފައިވަނީ ރާއްޖޭގައި މޫދު ކައިރީގައި ހުންނަ ރެސްޓޯރެންޓުތަކާއި ކެފޭތަކާ އެއްގޮތަކަށް، މޫދު ފެންނަ ގޮތަށެވެ.

"ހީވަނީ ހަމަ ރާއްޖޭގައި ތިބިހެން. ތަނާއި މޫދާއި މާހައުލާއި ކެއުން ބުއިމާއި ހުރިހާ އެއްޗެއް ވެސް ހީވަނީ ހަމަ ރާއްޖެ ހެން." ކެފޭގެ ކަސްޓަމަރުންތަކެއް ވީޑިއޯއެއްގައި ކިޔައިދެ އެވެ

"މޯލްޑިވްސް ގާޒާ" ކެފޭ ހުންނަ ސަރަހައްދަކީ ދުނިޔޭގެ އެކި މަންޒިލްތަކުގެ ތަޖުރިބާ ލިބޭނެ ހެން ހަދާފައި އިތުރު ކެފޭތަކާއި ރެސްޓޯރެންޓުތައް ވެސް ހިމެނޭ ސަރަހައްދެކެވެ.