ހެލްތް މިނިސްޓްރީއަށް ޕީއެސްއަކު ނެގުން ނުހުއްޓުވީ ރަނގަޅަށް: ހައި ކޯޓް
ހެލްތް މިނިސްޓްރީއަށް ޕީއެސްއަކު ނެގުން ނުހުއްޓުވީ ރަނގަޅަށް: ހައި ކޯޓް

ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން މަޑުޖައްސާލުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެ ނުދޭން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ކަމަށް މިދިޔަ ހަފުތާގައި އާ ބޭފުޅަކު އައްޔަންކުރި ފަހުން ހައި ކޯޓުން އިއްޔެ އެގޮތަށް ނިންމީ ކުރިން އެ މަގާމުގައި ހުންނެވި ޚަދީޖާ އަބްދުއްސަމަދު މަގާމުން ވަކިކުރި މައްސަލާގައި އޭނާގެ ފަރާތުން އެފަދަ އަމުރަކަށް އެދުމުންނެވެ. މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް އޭނާ ހުށަހެޅުއްވި މައްސަލަ ނިމެންދެން އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދުނަސް، މިދިޔަ މެއި މަހު އެ ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނުދިނުމަށެވެ.

އެ މައްސަލަ ޚަދީޖާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މިދިޔަ ފެބްރުއަރީ މަހު ޚަދީޖާ އެ މަގާމުން ވަކިކުރީ އޭނާގެ މަގާމުގެ މުއްދަތު ހަމަވާން ހަތަރު ދުވަސް ބާކީ އޮއްވާ ކަމަށާއި އެހެންވެ، އޭނާ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކޯޓުން ކަނޑައަޅާ ހާލަތެއް މެދުވެރިވިޔަސް، އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރުން ހުއްޓުވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެފި ނަމަ، ހެލްތު މިނިސްޓްރީ އަށް މާ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކާ ބެހޭގޮތުން ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުުންތަކާ ހަވާލާދީ ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ވަގުތީ އަމުރެއް ދެވޭނީ އެފަދަ އަމުރެއް ނުނެރެފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުމަކާ ކުރިމަތިވުމުގެ ފުރުސަތު އޮތް ނަމަ އެވެ. އެކަމަކު އެ ގެއްލުމަކީ ބަދަލު ދެވިދާނެ ކަމެއް ނަމަ، އާންމު އުސޫލަކީ ވަގުތީ އަމުރު ނުނެރުން ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައި ކޯޓުން އިއްޔެ އެގޮތަށް ނިންމުމުގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ހަފުތާގައިވަނީ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައިޝަތު ސާމިޔާ އައްޔަން ކޮށްފަ އެވެ.