19 އޯގަސްޓް 2020 - 13:01

ޕޯޓް ލުއިސް (އޮގަސްޓް 19) - މޮރިޝަސްގެ ފަރަކަށް އަރައި އެތައް ޓަނެއްގެ ތެޔޮ ކަނޑަށް ބޭރުވި ބޯޓުގެ އިންޑިއާ ކެޕްޓަން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 58 އަހަރުގެ ސުނިލް ކުމާރު ނަންޑެޝްވަރު ހައްޔަރުކޮށްފައި ވަނީ ފަރުވާކުޑަކޮށް ދަތުރުކޮށްފައިވާތީ ކަމަށެވެ. ނަންޑެޝްވަރު އިއްޔެ ވަނީ ޕޯޓް ލުއިސްގެ ކޯޓަކަށް ހާޒިރުކޮށްފަ އެވެ. މި މަހު 25 ގައި ކޯޓަށް އަލުން ހާޒިރުކުރަން ދެން އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ބުނެފައި ވަނީ ބޯޓުގެ ފަޅުވެރިންނާ ސުވާލު ކުރުމުން އެ މީހުން ވަނީ ބޯޓު ފަހަރަށް އެރި ދުވަހު ބޯޓުގައި އުފަން ދުވަހުގެ ޕާޓީއެއް ބޭއްވި ކަމަށް ބުނެފަ އެވެ. އަނެއް ތިއަރީއަކުން އެނގޭ ގޮތުގައި ބޯޓު ފަރާ ކައިރިކޮށްފައި ވަނީ ރަނގަޅަށް ވައިފައި ސިގްނަލް ނުލިބޭތީ އެވެ.
ގާތްގަނޑަކަށް 4،000 ޓަނުގެ ތެލާ އެކު އެމްވީ ވަކަޝިއޯ މޮރިޝަސްގެ ފަރަށް އެރީ ޖުލައި 25 ގަ އެވެ. އެ ބޯޓު ދެބުރިވުމުގެ ކުރިން ވަނީ ކަނޑަށް 1،000 ޓަނުގެ ތެޔޮ ބޭރުވެފަ އެވެ. ފަރަށް އަރާފައި ހުރި ބައިގައި އަދިވެސް 90 ޓަނުގެ ތެޔޮ ހުރި ކަމަށްވެ އެވެ. ތެޔޮ ހުސްކުރަން ދަތިވެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ނޭޝަނަލް ކްރައިސިސް މެނޭޖްމަންޓް ކޮމިޓީން ވަނީ ބުނެފަ އެވެ.
މޮރިޝަސް އިން މިދިޔަ ހަފުތާގައި ވަނީ ތިމާވެށީގެ ކުއްލި ނުރައްކާ ހާލަތު އިއުލާންކޮށްފަ އެވެ. ބޯޓުގެ ވެރި ފަރާތްތަކަށްވާ ނަގާޝިކީ ޝިޕިންގެ ފަރާތުން ބަދަލު ހޯދަން މޮރިޝަސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނެފައި ވަނީ ބޯޓު ފަރަށް އަރަން މެދުވެރިވި ގޮތް ތަހުގީގު ކުރާނެ ކަމަށެވެ.
އާބާދީގައި 1.3 މިލިއަން މީހުން ހިމެނޭ މޮރިޝަސްގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާ ވަނީ ކަނޑުގެ ދިރުންތަކާއި އިކޯޓޫރިޒަމަށެވެ.