22 އޯގަސްޓް 2020 - 09:42

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ އެތައް ބަޔަކަށް އެހީވެގެން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓަރު ސޯނޫ ސޫދުގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން އަދި މާ އަވަސް ކަމަށް އޭނާ ބުނެފި އެވެ.
ސޯނޫ އިންސާނިއްތަތަކަށްޓަކައި ވަމުން އަންނަ އެހީއާ ގުޅިގެން އިންޑިއާގެ އާންމު ރައްޔިތުންގެ ލޯބި އޭނާ ވަރަށް ބޮޑަށް ހޯދާފައިވާ އިރު، ބައެއް ފޭނުން ވެސް އަންނަނީ ސޯނޫގެ ބައޮޕިކެއް ހަދަން ޖެހޭ ކަމަށް ބުނަމުންނެވެ.
މިކަމާ ބެހޭ ގޮތުން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނީ އޭނާގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
"ފުރަތަމަ އަހަރެން ބޭނުން ކޮވިޑްގެ ތެރޭގައި ކުރި މަސައްކަތުގެ ތަޖުރިބާ ފޮތެއްގެ ސިފައިގައި ނެރެން ވެސް. އެ މަސައްކަތް މިހާރު ވެސް އޮތީ ފެށިފައި،" އާންމުކޮށް ފިލްމުތަކުގައި ނެގެޓިވް ރޯލްތައް ކުޅޭ ބަތަލު ބުންޏެވެ.
ސޯނޫ، 47، ގެ ފޮތް ޕެންގްއިން އިންޑިއާގެ ތައްގަނޑުގައި ނެރެން އުޅޭކަން އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ލިޔުންތެރިޔާ މިލީ އަޝްވާރިއާއާ ގުޅިގެން ސޯނޫ ގެނެސްދޭ ފޮތް ނެރޭނީ ޕެންގްއިން އިންޑިއާ އާއި އެބިއުރީ ޕަބްލިޝިންގެ އިތުރުން ވިންޓޭޖް ޕަބްލިޝިން ގުޅިގެންނެވެ.
ސޯނޫ ބުނީ އޭނާ އަކީ މީހުންނަށް އެހީވާން ލޯބިކުރާ މީހެއް ކަމަށާއި އެކަމުގައި އަބަދު ވެސް ދެމިހުންނާނެ އެވެ. އަދި ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެތައް ބަޔަކަށް މިހާތަނަށް އެހީވެވިފައިވާ އިރު އަދިވެސް އޭނާ ހުންނާނީ އެގޮތުގައި ކަމަށް ބުންޏެވެ. ސޯނޫ ބުނީ މި މަސައްކަތް ގިނަ ބަޔަކަށް ފާހަގަކުރެވިގެން އެކަމާ ގުޅުވައިގެން ފިލްމެއް ހަދަން ބޭނުންވި ނަމަވެސް އެކަން ކުރަން އަދި މާ އަވަސް ކަމަށެވެ.
ސޯނޫ ބުނިގޮތުގައި އޭނާ އަށް މިހާރު ވަރަށް ގިނަ ފިލްމުތަކުން ފުރުސަތު ވެސް ލިބެމުން އަންނަ ކަމަށެވެ. ހާއްސަކޮށް ނުފޫޒު ގަދަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ފިލްމުތައް ހުށަހަޅާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުންޏެވެ.
"އެކަމަކު އެހީވުމުގެ މަސައްކަތްތަކުގައު ވަރަށް ބިޒީކޮށް އުޅޭތީ ގިނަ ސްކްރިޕްޓްތައް ކިޔާކަށް އަހަންނަކަށް ވަގުތެއް ނުވޭ. އެހެންވެ މިހާރު ބައެއް ޑައިރެކްޓަރުންް ގާތުގައި އެދިފައި ވާނީ އަހަންނަށް އިތުރު ވަގުތު ދިނުމަށް،" ސޯނޫ ބުންޏެވެ.
ކޮވިޑްގެ ތެރޭގައި ގިނަ ބައެއްގެ ރާޑަރަށް ސޯނޫ އެރީ އިންޑިއާ ލޮކްޑައުންއަކަށް ދިއުމާ އެކު މުމްބާއީ އާއި އެ ސިޓީގެ ކައިރީގައިވާ ސްޓޭޓްތަކުގެ އެކި ދިމަދިމާލުގައި އަމިއްލަ ވަޒަނަށް ނުދެވި ތާށިވި އެތައް ބަޔަކު އެ މީހުންގެ ވަޒަކަށް ފޮނުވައިދޭން ފެށި މަސައްކަތްތަކާ އެކީގަ އެވެ.