20 އޯގަސްޓް 2020 - 20:16

އާސަންދައިގެ ހަރަދުގައި ބޭސްފަރުވާ އަށް ފަސް ވަނަ ބެޗް އިންޑިއާއަށް މިއަދު ފުރުވާލައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމުގައި ގިނަ ތަކުލީފްތަކެއް އުފުލަން ޖެހިފައިވާ މި ދުވަސްވަރު ވެސް، އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުން އާސަންދަ އިން އަންނަނީ ބަލި މީހުން އެ ގައުމަށް ފޮނުވަމުންނެވެ. މިއަދު ހަވީރު ފުރި ފްލައިޓުގައި ޖުމްލަ 46 މީހަކު ދިޔަ އެވެ.
އާސަންދަ އިން ބުނީ، އެ ކުންފުނީގެ ހަރަދުގައި މިއަދު ފުރީ 18 ބަލިމީހަކާއި 18 އެހީތެރިޔަކާއި ހަތަރު މެޑިކަލް އެސްކޯޓުން ކަމަށެވެ. އަދި އެންސްޕާގެ ހަރަދުގައި އިތުރު ހަތަރު އެހީތެރިއަކާއި އަމިއްލަ ހަރަދުގައި ހަތަރު އެހީތެރިއަކު ދިޔަ ކަމަށް ވެސް ބުންޏެވެ. މި މީހުން ފަރުވާ ހޯދަން ދާނީ އަމްރިތާ ހޮސްޕިޓަލަށެވެ.
އެ ފްލައިޓް އެނބުރި އަންނަ އިރު، އެ ހަތަރު މެޑިކަލް އެސްކޯޓުން އަންނާނެ އެވެ. އަދި ކުރީ ބެޗެއްގައި އިންޑިއާއަށް ފަރުވާ ހޯދަން ދިޔަ 19 ބަލިމީހަކާއި 18 އެހީތެރިއަކު ވެސް އަންނާނެ އެވެ. އެންސްޕާގެ ހަރަދުގައި ދިޔަ ދެ މީހުންނާއި އަމިއްލަ ހަރަދުގައި ދިޔަ ދެ އެހީތެރިން ވެސް އެ ފްލައިޓުން އަންނާނެ ކަމަށް އާސަންދަ އިން ބުންޏެވެ.
ބޭސްފަރުވާ ހޯދަން އިންޑިއާ އަށް ފުރުވަނީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހު ނެގެޓިވްވުމުންނެވެ. އިންޑިއާއިން ވެސް އެ މީހުން ކޮވިޑަށް ޓެސްޓުކުރާނެ އެވެ. އަދ އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރާނެ އެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ކޮވިޑަށް ޓެސްޓު ކުރާނެ އެވެ.
ބޭސްފަރުވާއަށް މީގެ ކުރިން ރާއްޖެއިން ދިޔަ ބެޗަކުން އަށް ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ކިމްސް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ހަތަރު މީހަކާއި އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެކެވެ.