20 އޯގަސްޓް 2020 - 22:57

ކޮވިޑް-19ގެ ލަފާކުރުންތަކުގައިވާ ގޮތަށް ބަލި ޖެހޭ މީހުންގެ އަދަދު ގިނަވެ، މިއަދު ވެސް 145 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 143 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އަދި ރަށްރަށުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. މި މީހުންނާ އެކު ރާއްޖެއިން ކޮވިޑަށް ޕޮޒޮޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 6،370 އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި އެ މީހުންގެ ތެރޭގައި 123 ދިވެހިންނާއި 11 ބަންގްލަދޭޝް މީހުން ހިމެނެ އެވެ. އަދި ސްރީ ލަންކާގެ ފަސް މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕާލް މީހަކާއި ޖޯޑަން މީހަކާއި ޖަޕާނު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިހާތަނަށް 127 މީހަކު ރަނގަޅުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. ރާއްޖެއިިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3،915 މީީހަކު ރަނގަޅުވެފައިވުމުން، ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،431 އެވެ.
މިދިޔަ މާޗް މަހު ރާއްޖެއިން ކޮވިޑު ފެނުނު ފަހުން ނަގާފައިވާ ސާމްޕަލްތަކުގެ އަދަދު ވެސް މިއަދު މި ވަނީ އެއް ލައްކައަށް ވުރެ ގިނަ ވެފަ އެވެ. ވޭތުވެ ދިޔަ ހަ މަސް ތެރޭގައި 100،233 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެ ތެރޭގައި އެކަކުގެ ފަރާތުން ތަކުރާރުކޮށް ނަގާފައިވާ ސާމްޕަލް ހިމެނެ އެވެ. އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 933 އިތުރު ސާމްޕަލް ނަގާފައި ވެ އެވެ.
މާލޭގެ އިތުރުން 19 ރަށަކާއި އައްޑޫގެ ދެ އަވަށެއްގައި ކޮވިޑްގެ އެކްޓިވް ކޭސް ހުރި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. ކޮވިޑް ޖެހިގެން 24 މީހަކު ވަނީ މަރުވެފަ އެވެ.