25 އޮކްޓޯބަރ 2016 - 17:11

ރާއްޖޭގައި މަސައްކަތްކުރައްވާތާ އެންމެ ގިނަ ދުވަސްވީ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ޔަގާނެގީ އަވަހާރަވެއްޖެ ކަމަށް މިއަދު ފެތުރުނު ހަބަރު، އޭނާގެ ވަރަށް ގާތް ރަހުމަތްތެރިޔަކު ދޮގުކޮށްފި އެވެ.
ޔަގާނެގީއާ ވަރަށް ކުރިންސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އަދި މިހާރު ވެސް އެ ގުޅުން ދަމަހައްޓާ މީހަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނީ ޔަގާނެގީ ހުންނެވީ އޭނާގެ ފިރިކަލުންނާ އެކު ސީޝެލްސްގައި ކަމަށެވެ. ޔަގާނެގީގެ އެއް ބޭފުޅަކު ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ.
"އަޅުގަނޑު ގާތު އޭނާގެ ދަރިފުޅު ބުނެފި، މަންމަ ހުރީ ބައްޕަޔާ އެކު ސީޝެލްސްގައޭ، އޭނާ އަވަހާރައެއް ނުވެއޭ،" ރަހުމަތްތެރިޔާ ބުންޏެވެ.
"މި ހަބަރު ފެތުރިގެން އުޅެނީ ކީއްވެގެން ކަމެއް ނޭނގޭ. އޭނާ ހުރީ ޗުއްޓީއެއްގައި ސީޝެލްސްގައި ކަން ޔަގީން."
ޔަގާނެގީއާ މެދު އެކަހަލަ ވާހަކައެއް ފެތުރުނު އިރު ޗުއްޓީއަކަށް ވަޑައިގެންނެވި ގޮތަށް ހަބަރެއް ނުވުމުން އައިޖީއެމްއެޗުން ވަނީ އޭނާ ކަނޑާލައިފަ އެވެ. ރާއްޖޭގައި ހިދުމަތްކުރައްވަމުން އަންނަތާ 35 އަހަރަށް ވުރެ ގިނަ ދުވަސް ވީ ޑޮކްޓަރުގެ ކޮންޓްރެކްޓް އުވާލީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސެޕްޓެމްބަރު 24 ގަ އެވެ.
"މިހާރު" އަށް ލިބުނު މައުލޫމާތުތަކުން އެނގުނީ ޔަގާނެގީ ޗުއްޓީ ނެންގެވީ އޮގަސްޓް 23 އިން ސެޕްޓެމްބަރު 18 އަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން އެއްވެސް ހަބަރެއް ނުވެގެން، އައިޖީއެމްއެޗުން، އޭނާއާ އެކި ގޮތްގޮތުން ގުޅަން މަސައްކަތްކުރި ކަމަށްވެ އެވެ. އެއްބަސްވުން އުވާލީ އޭގެ ފަހުންނެވެ.
ޔަގާނެގީ އަވަހާރަވެއްޖެ ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ހަބަރާ ގުޅިގެން އައިޖީއެމްއެޗަށް ގުޅުމުން އެތަނުގެ އިސް ވެރިޔަކު ވިދާޅުވީ "އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ" ކަމަށެވެ. އަދި އޭނާ ދަންނަ އެކި މީހުންނަށް ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ޔަގާނެގީ އަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވަރަށް ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި، އީރާނަށް އުފަން ބޭފުޅެކެވެ. އޭނާ އަށް ވަނީ ސިއްހީ ދާއިރާ އިން ހިދުމަތްކުރެއްވުމުގެ ރޮނގުން ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.
ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ އޭނާ މަސައްކަތް ކުރެއްވީ ސެންޓްރަލް ހޮސްޕިޓަލްގަ އެވެ. އައިޖީއެމްއެޗު ހުޅުވުމުން އެތަނަށް ބަދަލުވި ގޮތަށް އެއްބަސްވުން އުވާލަންދެން ވެސް އޭނާ މަސައްކަތްކުރެއްވީ ސަރުކާރުގެ މައި ހޮސްޕިޓަލްގަ އެވެ.
ޔަގާނެގީ ކްލިނިކަކީ ރާއްޖޭގެ އެންމެ ދުވަސް ވީ އެއް ކްލިނިކެވެ. އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ގިނަވެ، އެ ދާއިރާ އިން އިތުރު ތަރައްގީ ހޯދި ނަމަވެސް، ޔަގާނެގީ ނޫން އެހެން ޑޮކްޓަރަކަށް ދައްކަން ބޭނުން ނުވާ ބައެއް ދިވެހިން އުޅެ އެވެ.