އިންޑިއާގެ ވެކްސިން ލިބެން 73 ދުވަސް، އެންމެންނަށް ހިލޭ!
އިންޑިއާގެ ވެކްސިން ލިބެން 73 ދުވަސް، އެންމެންނަށް ހިލޭ!

ނިއު ދިއްލީ (އޮގަސްޓް 23) - ކޮރޯނާވައިރަހަށް އިންޑިއާގައި އުފައްދާ ފުރަތަމަ ވެކްސިން، ސީރަމް އިންސްޓްޓިއުޓުގެ "ކޮވިޝީލްޑް" ކުރިއަށް އޮތް 73 ދުވަސްތެރޭ ބާޒާރަށް ނެެރޭނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގައި ފަށާފައިވާ ނޭޝަނަލް އިމިއުނިޒޭޝަން ޕްރޮގްރާމް (އެންއައިޕީ) ގެ ދަށުން އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) ގެ އިސް އޮފިޝަލަކު ވިދާޅުވީ ވެކްސިން އުފެއްދުމަށް އެ ކުންފުންނަށް ސަރުކާރުން ޚާއްސަ ހުއްދަތަކެއް ދީފައިވާ ކަމަށެވެ. ވެކްސިނެއްގެ ތިން ވަނަ ފޭސް ކުރިއަށް ގެންދަން އާއްމުކޮށް 7-8 މަސް ދުވަސް ނެގި ނަމަވެސް އެ މުއްދަތު ކުރުކޮށް ކުރިއަށް ގެންދުއުމަށް އެސްއައިއައި އަށް ވަނީ ޚާއްސަ ހުއްދައެއް ދީފަ އެވެ.

ގާތްގަނޑަކަށް 1،600 ވޮލަންޓިއަރުން ބޭނުންކޮށްގެން ޓްރަޔަލްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް 17 ސެންޓަރެއްގައި އިއްޔެ ވަނީ ފަށައިފަ އެވެ.

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު ހާޝް ވަރުދާން ވިދާޅުވީ އިންޑިއާގައި އުފައްދާ އެއް ވެކްސިން މިހާރު ވަނީ ތިން ވަނަ ފޭހުގައި ކަމަށާއި އަހަރު ނިމުމުގެ ކުރިން އެ ވެކްސިން ލިބޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ސީރަމް އިންސްޓްޓިއުޓުން ވަނީ އެސްޓްރަޒެނިކާއާ އެކު ރޯޔަލްޓީ އެއްބަސްވުމެއް ހަދައި އިންޑިއާ އާއި އިތުރު 92 ގައުމެއްގައި ވެކްސިން ވިއްކުމުގެ ހުއްދަ ހޯދައިފަ އެވެ. އިންޑިއާގެ މައި ސަރުކާރުން މިހާރު ވަނީ އެ ގައުމުގެ ރައްޔިތުންނަށް ހިލޭ ވެކްސިން ދެވޭ ވަރަށް ވެކްސިން އުފެއްދުމަށް ސީރަމް އަށް ފެހި ސިގްނަލް ދީފަ އެވެ.

ސީރަމް އިން ބުނީ މަހަކު 60 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށާއި އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މަހަކު 100 މިލިއަން ޑޯޒް އުފައްދާނެ ކަމަށެވެ. ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސީރަމް އަށް ވަނީ މަހަކު 1.5 ބިލިއަން ޑޯޒް އުފެއްދުމުގެ ގާބިލްކަން ލިބިފަ އެވެ.

ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން އިން ވަނީ ވެކްސިން އުފައްދައި، މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ސަޕްލައި ކުރުމަށް، ސީރަމް އަށް 150 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފަ އެވެ. އެހެންވެ މި އެހީގެ ސަބަބުން ޑޯޒެއްގެ އަގު 1،000 ރުޕީސް އިން 250 ރުޕީސް އަށް ކުޑަކުރެވޭނެ އެވެ.

އިންޑިއާގެ ބާރަތު ބަޔޯޓެކުން ވެސް މިހާރު އަންނަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.