24 އޯގަސްޓް 2020 - 07:33

ބޮޑެތި މީހުންނެކޭ އެއްގޮތަށް، ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އުމުރުން 12 އަހަރުން މަތީގެ ކުދިން ވެެސް މާސްކް އަޅަން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި މާސްކަކީ ކޮވިޑުން ރައްކާތެރިކަން ހޯދުމަށްޓަކައި މިހާރު ކޮންމެހެން ވެސް ބޭނުންކުރަން މަޖުބޫރު އެއްޗަކަށްވެފައި ވާތީ ބަލީގެ ހާލަތު ގައުމުތަކުގައި އޮތް މިންވަރަށް ރިއާޔަތްކޮށްފައި އުމުރުން 6-11 އަހަރާ ދެމެދު ކުދިންގެ ވެސް މާސްކް އެޅުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް ފަސް އަހަރުން ދަށުގެ ކުދިން މާސްކް އެޅުވުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އަދި އެކަމަކަށް ޑަބްލިއުއެޗްއޯ އިން އިރުޝާދެއް ވެސް ނުދެ އެވެ.
މާސްކް ނާޅާ މައްސަލަ ބޮޑުވާތީ ބައެއް ގައުމުތަކުން މިހާރު ވެސް އަންނަނީ ހަރުކަށި އުސޫލުތަކެއް ތަންފީޒުކުރަމުންނެވެ. ވަކިން ހާއްސަކޮށް އާންމު ތަންތަނަށް ނުކުންނަ އިރު މާސްކް އަޅަން އިލްތިމާސްކުރަމުން އަންނަ އިރު، ބައެއް ގައުތަކުން އަންނަނީ އެ އުސޫލާ ހިލާފުވާ މީހުން ޖޫރިމަނާ ވެސް ކުރަމުންނެވެ.
ކުޑަކުދިން މާސްކް އެޅުމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން އެންގި އެންގުމާ ގުޅިގެން ޔުނިސެފުން ވެސް ވަނީ އެ އެންގުމަށް ގައުމުތަކުން ފުރިހަމަ އަށް ތަބާވެ، އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކުދިންގެ މުސްތަބަލު ގުޅިފައި އޮތީ މި ބަލިމަޑުކަމުގެ ތެރޭގައި ހޯދޭ ރައްކާތެރިކަމަކުން ކަމަށާއި އެންގުންތަކާ އެއްގޮތަށް އެންމެން ވެސް އަމަލުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޔުނިސެފުން ބުންޏެވެ.
މާސްކް އެޅުމާ އެކު އެންމެ ކުޑަވެގެން މީޓަރެއްހާ ދުރުމިނުގެ ގައިދުރުކަން ބެހެއްޓިމަކީ ވެސް ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ކުރުން މުހިއްމު ކަމެކެވެ. މީގެ އިތުރުން ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.