24 އޯގަސްޓް 2020 - 13:12

ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން ދޯނިފަހަރާއި ފަޅުވެރިން ރައްކާތެރިކުރުމަށް އިންޝުއާ ކުރުމަށް މާންދޫ ފިޝަރީޒުން އެދެފި އެވެ.

އެ ކުންފުނިން އިއްޔެ ބުނީ ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން އެއްރަށުން އަނެއް ރަށަށް އެކި ކަންކަމުގައި ދަތުރުކުރާއިރު ފަރުތަކާއި ގިރިތަކަށް ނުވިސްނައި ދަތުރު ކުރާނަމަ ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މި ހާދިސާތައް އެންމެ ގިނައިން ދިމާވާ އެއްބަޔަކީ މަސްވެރިންނަށް ވާއިރު މަސްވެރިންނާއި ދޯނިތަކުގެ ރައްކާތެރިކަމަށް އިންޝުއަރެންސް މުހިންމު ކަމަށް އެ ކުންފުނިން ބުންޏެވެ.
މާންދޫ ފިޝަރީޒްުން މިހެން ބުނެފައިވަނީ 26 ފަޅުވެރިންނާ އެކު ދަތުރުކުރަމުން އައި ތ. ވަންދޫ އަސްދާނު ދޯނި ފަރަށް އެރުމާ ގުޅިގެން ދޯންޏަށް ގެއްލުން ލިބި ފަޅުވެރިންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެންނެވެ. އެ ކުންފުނިން ބުނިގޮތުގައި ދޯނި އަނބުރާ މަސްވެރިކަމަށް ގެންނަން 1.5 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
އަސްދާނު ދޯންޏަކީ މާންދޫ ހޮރައިޒަނުން ހިންގާ މާންދޫ ފިޝަރީޒަށް މަސް ކިރުވަމުން އައި ދޯންޏެކެވެ. އެހެންކަމުން އެ ދޯންޏާއި ކުންފުންޏާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައިވާއިރު ދޯނި ފަރަށް އެރުމުން އެ ކުންފުނިން ވަނީ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"މާންދޫން ގުޅައިފަ އަޅުގަނޑުމެން ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ ބެލި. މާމިގިލީ ކޮޅުން ބޯޓެއް ވެސް ފޮނުވި. އަޅުގަނޑުމެން އެ ހާލުގައި ތިއްބާ މާންދޫ ބޯޓުން، ދޯނި ކަފުޖަހައިގެން ރަށާ ހަމައަށް ގެނެސްދިނީ،“ އަސްދާނު ދޯނީގެ ކެޕްޓަން އިބްރާހިމް ނާފިޒު ބުންޏެވެ.
މާންދޫ ފިޝަރީޒުން ބުނިގޮތުގައި ދޯންޏަށް އެހާ ބޮޑު ގެއްލުމެއް ވެފައިވާއިރު އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ އިންޝުއަރެންސްގެ މުއްދަތު ހަމަވެފައި އޮތުމެވެ. މާންދޫ ވެސަލްސް އޮޕަރޭޝަންސް މެނޭޖަރު އަޝްރަފު އަލީ ވިދާޅުވީ ކަނޑު ދުއްވާ އުޅަނދުފަހަރު އިންޝުއާ ކުރުމަކީ އެތައް ގޮތަކުން
އުޅަނދުގެ ވެރިފަރާތާއި ފަޅުވެރިންނަށް ރައްކާތެރިކަން ލިބޭ ކަމެއް ކަމަށެވެ. އަދި މަސްވެރިކަމުގައި އުޅޭ
މީހެއްގެ ހައިސިއްޔަތުން، އިންޝުއާ ނުކޮށް ތިއްބާ ލިބޭ ގެއްލުމަށް ވުރެ އިންޝުއާ ކޮށްގެން ތިބުމުން، ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"2017 ވަނަ އަހަރު ގދ. ހޯޑެއްދޫ ބަނދަރުން ކްރޭނެއް ވެއްޓި މިޔަވާލި ދޯންޏަށް ލިބުނު ގެއްލުން، އިންޝުއާ ކޮށްފައި އޮތުމުން އަނބުރާ މަސްވެރިކަމަށް ކުރު މުއްދަތެއްގެ ތެރޭގައި ގެނެވުނު. އެފަހަރު ދޯނި އެއްކޮށް އަޑިއަށް ގޮސް އިންޖީނާއި ޖަނަރޭޓަރު ވެސް ހަލާކުވި. ދޯނި އަނބުރާ މަސްވެރިކަމަށް ގެނައުމަށް 1.8 މިލިއަން ރުފިޔާ ހަރަދުކުރިއިރު އިންޝުއަރެންސުން 1.3 މިލިއަން ރުފިޔާ ލިބުނު،" އަޝްރަފު ވިދާޅުވި އެވެ.