ބައެއް ވެކްސިންތަކަށް ޗައިނާ އިން ހުއްދަ ދީފި
ބައެއް ވެކްސިންތަކަށް ޗައިނާ އިން ހުއްދަ ދީފި

ބެއިޖިން (އޮގަސްޓް 24) - ޗައިނާގެ ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިން، އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފި އެވެ.

ޗައިނާގެ ވެކްސިން މެނޭޖްމަންޓް ގާނޫނުގެ ދަށުން ހުއްދަ ދީފައި ވަނީ ކޮރޯނާވައިރަހުގެ ރިސްކް ބޮޑު ކެޓަރީތަކުގެ މީހުންނަށް އިމަޖެންސީ ހާލަތްތަކުގައި ވެކްސިން ބޭނުން ކުރުމަށެވެ.

ޗައިނާގެ ވެކްސިން ޑިވެލޮޕްމަންޓް ޓާސްކް ފޯހުގެ ވެރިޔާ ޒެންގް ޒޮންގްވެއި ވިދާޅުވީ ޗައިނާގެ ވެކްސިން މެނޭޖްމަންޓް ގާނޫނުގައިވާ ގޮތުން ބޮޑު ރޯގާއެއް ފެތުރިގެންދާ އިރު ކްލިނިކަލް މަރުހަލާތަކުގައިވާ ވެކްސިންތައް ވެސް ބޭނުން ކުރެވޭނެ އެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސިނޯފާމުން އުފެއްދި ވެކްސިން ބައެއް ގައުމުތަކުގައި މިހާރު ދަނީ ޓްރަޔަލް މަރުހަލާގައި ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ، ޕެރޫ، މޮރޮކޯ އަދި އާޖެންޓީނާ ހިމެނެ އެވެ. ސިނޯފާމުން ޔޫއޭއީގައި މިހާރު ކުރިއަށް ގެންދަނީ ވެކްސިންގެ ތިން ވަނަ ފޭހެވެ.

ޒެންގް ވިދާޅުވީ ކުރިއަށް އޮތް ފިނި މޫސުމުގައި ވައިރަސް އިތުރަށް ފެތުރިދާނެތީ، ކާބޯތަކެތީގެ މާރުކޭޓް، ޓްރާންސްޕޯޓް ސިސްޓަމް އަދި ސާވިސް އިންޑަސްޓްރީގައި އުޅޭ މީހުންނަށް ވެކްސިން ދޭން ޖެހޭ ކަމަށެވެ.