25 އޯގަސްޓް 2020 - 10:06

ލަންޑަން (އޮގަސްޓް 25) - އިނގިރޭސި ފުރަތަމަ އަންހެން މުސްލިމް ރެފްރީގެ ގޮތުގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދަމުން އަންނަ ޒުވާން ރެފްރީ ޖަވާހިރު ރޮބްލް (ޖޭޖޭ)ގެ އަމާޒަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރުން ކަމަށް ބުނެފި އެވެ.

ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ ޖޭޖޭ އިންގްލެންޑުގެ ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅެން އައިއިރު އޭނާގެ އުމުރަކީ 10 އަހަރެވެ. ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ އުއްމީދުގައި ހުރި ޖޭޖޭ އަށް އެ ނަސީބު ނުލިބުނު ނަމަވެސް ކާމިޔާބު ރެފްރީއެއްގެ ގޮތުގައި ކުރިއަށްދާން އޭނާ އަށް ދޮރު ހުޅުވުނީ ވެސް އިއްތިފާގަކުންނެވެ. އޭނާ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދަނިކޮށް މެޗެއްގެ ރެފްރީކަން ކުރަން ޖެހުނީ އެ މެޗަށް އަންނަން ޖެހޭ ލައިންސްމަނެއްގެ ބަދަލުގަ އެވެ. އެ ދުވަހު އޭނާ އަށް ބުނެދިން ގޮތަށް ރަނގަޅު މަސައްކަތްކުރުމާ އެކު ރެފްރީންގެ ކޯހާ ގުޅެން ފުރުސަތު ލިބިގެންދިޔަ އެވެ. މިހާރު އޭނާ އަށް ވަނީ އިނގިރޭސި ދަށް ޑިވިޝަނުތަކުގައި ރެފްރީކަން ކުރުމުގެ ބެޖް ލިބިފަ އެވެ.
އުމުރުން 26 އަހަރުގެ ޖޭޖޭ ބުނީ ފުރަތަމަ ދުވަސްތަކުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ފަހުން މީހުން އޭނާ ބަލައިގަނެ ސަޕޯޓްދޭން ފެށުމުން ފަސޭހަވި ކަމަށެވެ.
"އަހަރެން ފެށިއިރު އެންމެން ވެސް ބުނަމުން އައީ ފުޓްބޯޅަ އަކީ ފިރިހެނުން ކުޅޭ ކުޅިވަރެކޭ. އޭރު އަހަންނަށް ސިފަވީ އަހަންނަށް މި އާދެވެނީ އެހެން ބަޔަކަށް އޮތް ދުނިޔެ އަކަށޭ. އެކަމަކު މިހާރު މި ދުނިޔޭގައި އަންހެނެއްގެ ގޮތުގައި ވެސް އަހަންނަށް ކުރިއަށްދެވޭނެކަން މި ދަނީ ސާބިތުވަމުން،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖޭޖޭ ބުންޏެވެ.
ޔޫތު ލެވަލްގައި ޖޭޖޭ ވަނީ ފިރިހެން ކުޅުންތެރިންނާ އެކު ވެސް ގިނަ ފުޓްބޯޅަ މުބާރާތްތަކުގައި ސްކޫލުގައި ކުޅެފަ އެވެ. ޖޭޖޭ ފުޓްބޯޅަ ކުޅެން އޭނާގެ އާއިލާ ހިތްހަމަނުޖެހެ އެވެ. ސަބަބަކީ އޭނާގެ އާއިލާ އިން ބޭނުންވީ މޮޅަށް ކިޔަވައިގެން އެހެން ވަޒީފާ އަކަށް އޭނާ ދާށެވެ. އެކަމަކު ފުޓްބޯޅަ އަށް ޓަކައި ދޫވެފައި އޮތް އޭނާގެ ހިތް އަބަދުވެސް ބޭނުންވީ މި ކުޅިވަރުގެ ތެރެއިން ކުރިއަށްދާށެވެ. އެހެންވެ ފުޓްބޯޅައިގެ ކޮންމެ މަސައްކަތެއްގައި ވެސް ލިބޭ ފުރުސަތެއްގެ ބޭނުން ދިޔައީ ހިފަމުންނެވެ. އެ ގޮތުން އޭނާ ފުޓްބޯޅައިގައި ކުރާ މަސައްކަތް ފެނި އިނގިރޭސި އެފްއޭ އިން ވަނީ ޔޫތު ލީޑަރެއްގެ ގޮތުގައި އޭނާ ހަމަޖައްސައިފަ އެވެ. އަދި ޔުއެފާގެ "ވީ ޕްލޭ ސްޓްރޯންގް" ޑޮކިއުމެންޓްރީގައި ވެސް ޖޭޖޭގެ ވާހަކަތައް ވެސް ވަނީ ހިމަނައިފަ އެވެ.
ސޯމާލިއާ އިން އިންގްލެންޑަށް ބަދަލުވެ ޖޭޖޭގެ އާއިލާ ދިރިއުޅެމުންދިޔައީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމް ހުންނަ ސަރަހައްދުގަ އެވެ. ޖޭޖޭ ބުނީ ފުޓްބޯޅައިގައި އަބަދުވެސް އޭނާ ބޭނުންވަނީ ދެވޭ އެންމެ އުސްމިނަކަށް ދާށެވެ. އެ ގޮތުން އޭނާ އެންމެ ބޭނުންވަނީ އިނގިރޭސި ފުޓްބޯޅައިގެ ބޮޑެތި މެޗުތަކުގައި ރެފްރީކަން ކުރާށެވެ. މީގެ ތިން އަހަރު ކުރިން މެޗުތަކުގައި ގަވާއިދުން ރެފްރީކަން ކުރަން ފެށި ޖޭޖޭގެ ނަޒަރުގައި މި ދާއިރާ އިންކުރިއަށް ދާން އޭނާ އަށް ވެސް ފުރުސަތު އޮތްކަން ދަނީ ސާބިތުވަމުންނެވެ.
"އަސްލު ހުވަފެނަކީ އިންގްލެންޑަށް ކުޅުން. އެކަމަކު މިހާރު މި ހުރީ އެ މިސްރާބުގައެއް ނޫން. މިހާރު ބޭނުންވަނީ އިންގްލެންޑްގެ ބޮޑެތި މެޗުތަކުގައި ރެފްރީކަން ކުރަން. އެ ގޮތުން ވެމްބްލީގައި ކުޅޭ ބޮޑު މެޗެއްގެ އިތުރުން ޕްރިމިއާ ލީގުގެ ރެފްރީ އަކަށްވާން ވަރަށް ބޭނުން. ފެންނަ މަންޒަރުތަކަށް ބަލާއިރު އަންހެން ރެފްރީންނަށް ލިބޭ ފުރުސަތު އަންނަނީ އިތުރުވަމުން. އެއީ ޕޮޒިޓިވް ކަމެއް،" ޖޭޖޭ ބުންޏެވެ.
މި ވަގުތު ދަށް ޑިވިޝަންތަކުގެ އިތުރުން އެކެޑަމީ މުބާރާތްތަކުގައި ރެފްރީކަން ކުރަމުން އަންނަ ޖޭޖޭ ގަބޫލުކުރާގޮތުގައި މަސައްކަތް ކޮށްފިނަމަ އޭނާ އަށް ވެސް ޕްރިމިއާ ލީގު ލެވަލަށް ދެވޭނެ އެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލާއި ޕްރިމިއާ ލީގުގެ މެޗުތަކުގައި ވެސް އަންހެން ރެފްރީން ނޫނީ އޮފިޝަލުން ފެނުމުން އޭނާ އަށް ލިބެނީ ހިތްވަރެއް ކަމަށެވެ.
ބުރުގާ އަޅައިގެން މެޗުތަކަށް އޮފިޝަލްކަން ނޫނީ ރެފްރީކަން ކުރަން ދާން ޖެހުމަކީ ވެސް ފުރަތަމަ ގިނަ ބަޔަކު ނުރުހުންވި ކަމެއް ކަމުގައި ވިޔަސް ފަހުން އެކަން ވެސް މައްސަލައަކަށް ނުވާތީ ރެފްރީކަން ކުރުމުގައި ޖޭޖޭގެ ކޮންފިޑެންސް ދިޔައީ ރަނގަޅުވަމުންނެވެ. ރެފްރީކަން ކުރުމުގެ އިތުރުން ފުޓްބޯޅަ ކޯޗަކަށް ވުމުގެ އުއްމީދުގައި ހުރި ޖޭޖޭ ވަނީ ކޯޗިން އިން ޑިގްރީ އެއް ވެސް ހާސިލްކޮށްފަ އެވެ. ސަބަބަކީ ރެފްރީކަން ކުރުން ހުއްޓާލުމަށް ފަހު ވެސް ފުޓްބޯޅަ ތެރޭގައި އުޅުމަށެވެ. އަންހެން އަދި ފިރިހެން މެޗުތަކުގައި ރެފްރީކަން ކުރިގޮތަށް ކޯޗިންގައި ވެސް ވަކި ޖިންސަކަށް ނުބަލައި ފުރުސަތު ލިބޭ ޓީމަކާ އެކު މުސްތަގުބަލުގައި ކޯޗިިން އިން ވެސް ފެންނާނެ ކަމަށް ޖޭޖޭ ވަނީ ބުނެފަ އެވެ.