25 އޯގަސްޓް 2020 - 21:32

އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ފަށައިފި އެވެ.
މިއީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވި ފަހުން އިންޑިއާ އިން ރާއްޖެ އަށް އައި ފުރަތަމަ ޕެސެންޖާ ފްލައިޓެވެ.
އެއާ އިންޑިއާގެ ރާއްޖޭގެ އޭޖެންޓު، ވިލާ ޓްރެވަލްސް އިން ބުނީ މިއަދުން ފެށިގެން މާލެ އިން ޓްރިވެންޑްރަމަށް ހަފުތާއަކު ދަތުރެއް އޮންނާނެ ކަމަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.
މި ދަތުރާއެކު އެ ގައުމުން ވަނީ ރާއްޖެއާ ދެމެދު ދަތުރުފަތުރުތައް ފެށުމުގެ ގޮތުން "ޓްރެވަލް ބަބަލް" އެއް ވެސް ހަދަން ނިންމައިފަ އެވެ. މިއީ ދެކުނު އޭޝިއާގެ ދެ ގައުމެއްގެ ދެމެދުގައި ހެދޭ މިފަދަ ފުރަތަމަ އެއްބަސްވުމެވެ.
ޓްރެވަލް ބަބުލް ނުވަތަ ޓްރެވަލް ކޮރިޑޯއެއް ހެދުމުގެ މާނަ އަކީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ އުސޫލު ދަތުރުވެރިންނަށް ނުހިނގާ ގޮތަށް ހެދުމެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓްރެވަލް ބަބުލްއެއް ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ އަންނަ މީހުން ރާއްޖޭން އިންޑިއާ އަށް ދާ މީހުން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭސްފަރުވާ ދާ ގައުމެވެ. އަދި އެ ގައުމަކީ ދެ ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެހެންވެ އިންޑިއާގެ ދަތުރުތައް އަލުން ފެށުމާ އެކު ޓޫރިސްޓުން އައުން ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.