26 އޯގަސްޓް 2020 - 11:50

ލަންޑަން (އޮގަސްޓް 26) - ކޮރޯނާވައިރަހަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ވެކްސިންގެ ޓްރަޔަލްތައް މި އަހަރުތެރޭ ނިންމާލެވޭނެ ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުގެ 50،000 މީހުންނަށް ވެކްސިން ދޭނެ ކަމަށް އޮކްސްފޯޑް ވެކްސިން ގްރޫޕުގެ ޑިރެކްޓަރު ޕްރޮފެސަރު އެންޑްރޫ ޕޮލާޑް ވިދާޅުވެއްޖެ އެވެ.
ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާ ގުޅިގެން އޮކްސްފޯޑުން އުފައްދާ ވެކްސިން އަކީ މިހާތަނަށް އުފައްދާ އެންމެ އެޑްވާންސް އެއް ވެކްސިނެވެ. އެ ވެކްސިންގެ ރައްކާތެރިކަމާއި ޔަގީންކަމާ މެދު އިތުބާރު ބޮޑުވެފައި ވަނީ އެކި މަރުހަލާތައް ވަރަށް ފަރުވާތެރިކަމާ އެކު ކުރިއަށް ގެންދާތީ އެވެ. އޮކްސްފޯޑުން ބުނެފައި ވަނީ އަވަހަށް ވެކްސިން ނެރުމުގެ ބޭނުމުގައި އެއްވެސް މަރުހަލާއެއްގެ ޓްރަޔަލްތައް ކުރުކޮށްނުލާނެ ކަމަށެވެ.
އޮކްސްފޯޑުގެ ވެކްސިންގެ ޓްރަޔަލްތައް ޖޫން މަހު ފަށާފައިވާ އިރު އިނގިރޭސިވިލާތުން 10،000 މީހުންނަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ. ބްރެޒިލާއި ސައުތު އެފްރިކާ އިން ވެސް 10،000 މީހުންނަށް ވެކްސިން ދީަފއިވާ އިރު އޮކްސްފޯޑުން އުއްމީދު ކުރަނީ އެމެރިކާގެ 30،000 މީހުންނަށް ވެކްސިން ދިނުމަށެވެ.
ޕޮލާޑް ވިދާޅުވީ ވެކްސިން އިން ރައްކާތެރިކަން ލިބޭ މިންވަރު ކުރިއަށް އޮތް ހަފުތާތައް ނުވަތަ މަސްތަކުން ފެންނަ އާ ކޭސްތަކުން، ރިސާޗަރުންނަށް ޔަގީން ކުރޭވެނެ ކަމަށެވެ.
އަންނަ ނޮވެމްބަރު 3 ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސާ އިންތިޚާބުގެ ކުރިން ވެކްސިން އަށް ހުއްދަ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރެއްވި ނަމަވެސް އެސްޓްރަޒެނިކާ އިން ބުނެފައި ވަނީ ވެކްސިން ފާސްޓް-ޓްރެކް މަރުހަލާއަކަށް ގެންދަން ރެގިއުލޭޓަރުންނާ އެކު މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.