ކްލޮޕާއި އާޓެޓާގެ ވިސްނުން: މޮޅަކުން ސީޒަން ފެށުން މުހިއްމު!
ކްލޮޕާއި އާޓެޓާގެ ވިސްނުން: މޮޅަކުން ސީޒަން ފެށުން މުހިއްމު!

ލަންޑަން (އޮގަސްޓް 29) - އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށާ މެޗުގައި މިރޭ ލީގު ޗެމްޕިއަން ލިވަޕޫލާއި އެފްއޭ ކަޕް ޗެމްޕިއަން އާސެނަލް ވާދަކުރާއިރު ދެ ޓީމުގެ ކޯޗުން ކަމަށްވާ ޔާގެން ކްލޮޕާއި މިކޭލް އާޓެޓާގެ ވިސްނުން ހުރީ މޮޅަކުން ސީޒަން ފެށުމަށެވެ.

މިއީ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލާއި ލިވަޕޫލް ވާދަކުރާ ހަތަރު ވަނަ ފަަހަރެވެ. މީގެ ކުރިން ކުޅުނީ 1979 އާއި 1989 އަދި 2002 ގަ އެވެ. ފުރަތަމަ ދެ މެޗުން ލިވަޕޫލް މޮޅުވިއިރު، އަނެއް މެޗުން ކުރި ހޯދީ އާސެނަލް އެވެ.

މިދިޔަ އަހަރު ފަހު ކޮޅު އާސެނަލްގެ ކޯޗުކަމާ ހަވާލުވެ އާޓެޓާ އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ އިތުރުން ޕްރިމިއާ ލީގުގައި ވެސް ބޮޑުތި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އޭގެ ތެރެއިން އެއް މެޗަކީ މިދިޔަ މަހު ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވުމެވެ. އާޓެޓާ ބުނީ އެ ނަތީޖާ އިން ހިތްވަރު ލިބޭ ކަމަށެވެ.

"ތިއީ ތެދު ވާހަކައެއް. އެ މެޗު (ލިވަޕޫލް ބަލިކުރި މެޗު)ގެ ސަބަބުން ވަރަށް އިތުބާރު ލިބޭ. ޔަގީންކަން ލިބޭ ކޮންމެ މެޗެއްގައި އިދިކޮޅަށް ކިތަންމެ ވަރުގަދަ ޓީމެއް އޮތް ކަމުގައި ވިޔަސް އެ މީހުންނާ އެއް ލެވަލަށް ކުޅެ މޮޅުވެވޭނެކަމުގެ،" މިރޭގެ މެޗުގެ ކުރިން އާޓެޓާ ބުންޏެވެ.

އެންމެ ފަހުން ޝީލްޑް މެޗުގައި އާސެނަލް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް ފަހަރު ވަނީ މޮޅުވެފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ތިން ފަަހަރު ހިމެނެ އެވެ. އާސެނަލުން އެންމެ ފަހުން ޝީލްޑް އުފުލާލީ 2017 ވަނަ އަހަރު ޗެލްސީ ބަލިކުރުމަށް ފަހު އެވެ.

އާޓެޓާ ބުނީ އެ މެޗުތަކަށް ވުރެން މި ވަގުތު ޓީމުގެ ހާލަތު މުހިއްމު ކަމަށާއި އެހެން ފަހަރުތަކާ މި އަހަރު އޮތް ތަފާތަކީ ދެ ސީޒަނުގެ ދެމެދުގައި ލިބުނު މުއްދަތު ކުޑަވުން ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ މިއީ އެކުވެރިކަމުގެ މެޗެއްގެ ގޮތުގައި ނުވިސްނާ ކަމަށާއި މި މެޗުން މޮޅުވެގެން ކޮންމެވެސް އެއްޗެއް ހާސިލްކުރެވެން އޮތުމުން އެއީ ކޮންފިޑެންސަށް މުހިއްމު ކަމެއް ކަމަށެވެ.

"ވަރަށް ގިނަ މީހުން ބުނޭ ދެ މެޗު ކުޅެފައި ކްލަބް ވޯލްޑް ކަޕް ކާމިޔާބުވީމަ އެއީ އެއްވެސް އެއްޗެއް ނޫނޭ. އެކަމަކު އެ ހޯދައިގެން ވެސް އިތުބާރަށް ރަނގަޅު އަސަރުތަކެއް ކުރި. އެހެންވީމަ މި މެޗު (ޝީލްޑް މެޗު) އިން މޮޅުވެގެން ވެސް އެއްޗެއް ހާސިލްވެގެން އެ ލިބޭ ކޮންފިޑެންސަށް ރަނގަޅުވާނެ. އަހަރެމެން ނުކުންނާނީ މޮޅުވެ ހިތްހަމަޖެހިގެން ސީޒަނާ ކުރިމަތިލާން،" ކްލޮޕް ބުންޏެވެ.

އާޓެޓާގެ ކޯޗުކަމުގައި އާސެނަލް ރަނގަޅުވާނެ ކަމަށް ކުރިން ވެސް ބެލެވުނުކަން ފާހަގަކޮށް ކްލޮޕް ބުނީ މިއީ ދެ ޓީމުން ވެސް އެންމެ ބޭނުންވާ ހާލަތުގައި ތިބެ ކުޅޭ މެޗެއް ކަމަށްވާއިރު ދެ ޓީމަށް ވެސް ގޯސްތަކެއް ހެދޭނެ ކަމަށް ގަބޫލުކުރާކަމަށެވެ.

މިއީ ވެމްބްލީ ސްޓޭޑިއަމް މަރާމާތަށް ފަހު އަލުން ހުޅުވިފަހުން ލިވަޕޫލުން ޝީލްޑް މެޗުގައި ކުޅޭ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީ އަތުންވީ ބައްޔެވެ. އެންމެ ފަހުން ލިވަޕޫލް ޝީލްޑް އުފުލާލީ 2006 ވަނަ އަހަރު އެވެ. ޗެލްސީއާ ދެކޮޅަށް ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމްގައި ކުޅެ އެ ފަހަރު ލިވަޕޫލް މޮޅުވީ 2-1 އިންނެވެ. މިރޭ އާސެނަލާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.