ގެޔަކުން ވެއްޓުނު ބެރިއެއްގެ ބަޔަކުން ޖެހި މީހަކު ޒަހަމްވެއްޖެ
ގެޔަކުން ވެއްޓުނު ބެރިއެއްގެ ބަޔަކުން ޖެހި މީހަކު ޒަހަމްވެއްޖެ

މާލޭގައި ގެޔަކުން ބެރިއެއްގެ ބައެއް ވެއްޓި މިއަދު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މއ. ގޮމަށިގޭ މަތިން ވެއްޓުނު ބެރިއެއްގެ ބަޔަކުން ޖެހިގެން އަނިޔާވި ފިރިހެން މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ހެނދުނު 10:40 ގައި ހިނގި ހާދިސާގައި އެ މީހާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ދެ ވިނަ ގޯޅީގައި ހުންނަ ގޭގައި ހިނގި ހާދިސާއާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާ އެކު ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ވެއްޓުނު އެތިގަނޑުން ޖެހުނީ އެ މީހާގެ ބޮލުގަ އެވެ. ޖެހުމާއެކު އޭނާ މަގުމައްޗަށް ވެސް ވެއްޓުނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބައިފައި ހުއްޓެވެ.

އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މާލޭގައި މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ޑިސެމްބަރު، 2018 ގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުންދިޔަ އިމާރާތުގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ހަތް އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި ވެ އެވެ.