"ސާތު ނިބާނާ ސާތިޔާ 2" ގެ ބަތަލަކަށް ސިދާތު ޝުކްލާ؟
"ސާތު ނިބާނާ ސާތިޔާ 2" ގެ ބަތަލަކަށް ސިދާތު ޝުކްލާ؟

ސްޓާ ޕްލަސް އިން ދެއްކި ކާމިޔާބު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭގެ ބަތަލުގެ ރޯލް ސިދާތު ޝުކްލާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިދާތަކީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ކާމިބާކުރި އެކްޓަރެވެ. އޭނާ އަކީ ކުރިން ވެސް ސިލްސިލާތައް ކުޅެފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "ބަލިވާ ވަދޫ" ހިމެނެ އެވެ. މީޑިއާތަކުން ބުނީ 39 އަހަރުގެ އެކްޓަރަށް "ސާތު ނިބާނާ ހުށަހަޅާފައިވާތީ އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމަކު އެއަށް ސިދާތު އެއްބަސްވާނެކަމުގެ ސިގްނަލެއް އަދި ނުލިބޭ ކަމަށްވެ އެވެ.

"ސާތު ނިބާނާ ސާތިޔާ" ގެ ބަތަލާގެ ރޯލް ކުޅުނީ "ބިގް ބޮސް 13" ގައި ސިދާތާ ވާދަކުރި ބައިވެރިންގެ ތެރޭގައި ހިމެނޭ ޑެވޮލީނާ ބަޓަޗަރަޖީ އެވެ. އެ ޝޯގެ ތެރޭގައި ޑެވޮލީނާ، ސިދާތުގެ ހިތްއަތުލަން ވެސް ވަރަށް މަސައްކަތްކޮށްފައިވެ އެވެ. މި ދެ ތަރިން މިހާތަނަށް އަދި އެކީގައި ސިލްސިލާއެއް ކުޅެފައި ނުވާތީ މި ޖޯޑު އެކީގައި ފެނުމަކީ ފޭނުން ވަރަށް ބޭނުންވާނެ ކަމަކަށް ވާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނުގެ ބަތަލާއިން ޑެވޮލީނާ ފެނުމުގެ ފުރުސަތު ބޮޑެވެ. އަދި އޭގައި އޭނާގެ މައިދައިތަ ކޮކީލާބެން މޯދީގެ ރޯލް ކުޅުނު ރޫޕަލް ޕަޓޭލް ވެސް އާ ސީޒަނުން ފެންނާނެ ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް ރޫޕަލް ވަނީ ދެވަނަ ސީޒަނުން އަދި ހުށަހެޅުމެއް ނާންނަ ކަމަށް ބުނެފަ އެވެ.

"ސާތު ނިބާނާ ސާތިޔާ 2" ގެނެސްދޭން ފަށާނެ ކަމަށް ބެލެވެނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި އޭގެ ޝޫޓިން މި މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ބިގް ބޮސް 13" ގެ ފަހުން ސިދާތު ވަނީ ދެ ވީޑިއޯ ލަވައެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެއް ލަވަ ކުޅުނީ "ބިގް ބޮސް 13" ގެ ތިން ވަނަ އަށް ދިޔަ ޝެހެނާޒް ގިލް (ސަނާ) އާ އެކީގަ އެވެ. އަނެއް ލަވަ ކުޅުނީ ބޮލީވުޑްގެ ބަތަލާ ނޭހާ ޝަރުމާއާ އެކީގަ އެވެ.

އާލިއާ ބަޓާއި ވަރުން ދަވަން 2014 ގައި ކުޅުނު ފިލްމު "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެ ސަޕޯޓިން ރޯލެއް ވެސް ސިދާތު ކުޅެފައިވެ އެވެ.