90 ޕަސެންޓް ގައުމުގެ ސިއްހީ ނިޒާމު ވަނީ ބޮއްސުން ލާފައި: ޑަބްލިއުއެޗްއޯ
90 ޕަސެންޓް ގައުމުގެ ސިއްހީ ނިޒާމު ވަނީ ބޮއްސުން ލާފައި: ޑަބްލިއުއެޗްއޯ

ޖެނީވާ (ސެޕްޓެމްބަރު 1) - ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ 90 ޕަސެންޓަށް ވުރެ ގިނަ ގައުމުގެ ސިއްހީ ނިޒާމު ބޮއްސުން ލާފައިވާ ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނީ ކޮރޯނާވައިރަހަށް ފަރުވާ ދިނުމަށް އިސްކަން ދިނުމުގެ ސަބަބުން ގިނަ ހޮސްޕިޓަލްތަކުގައި ދުވަހުން ދުވަހަށް ދޭ ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އެ ގޮތުން ޑޮކްޓަރުގެ އެޕޮއިންޓްމަންޓާއި ބަލިތަކަށް ސްކްރީން ކުރުން ފަދަ ކަންކަން ކެންސަލް ކުރަން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ކެންސަރު ފަދަ ކްރިޓިކަލް ކެއާގެ ޚިދުމަތްތަކަށް ވެސް ހުއްޓުން އަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން މައުލޫމާތު އެއްކޮށްފައި ވަނީ މި އަހަރުގެ މާޗު އާއި ޖޫން މަހާ ދެމެދު އެވެ.

ސިއްހީ ނިޒާމަށް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ މެދު އަދި މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގައުމުގައި ވަނީ ދޭތެރެ ދުރުކުރުމާއި އާއިލާ ރޭވުން ފަދަ ކަންކަމަށް 68 ޕަސެންޓަށް ވުރެ ބޮޑަށް އަސަރުކޮށްފަ އެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް 61 ޕަސެންޓަށް އަސަރުކޮށްފައިވާ އިރު ކެންސަރުގެ ޚިދުމަތަށް ވަނީ 55 ޕަސެންޓަށް އަސަރުކޮށްފަ އެވެ.

ހަތަރުބައިކުޅަ އެއްބައި ގައުމުގައި ވަނީ ފުރާނަ ސަލާމަތް ކުރަން ދޭ އިމަޖެންސީ ޚިދުމަތްތަކަށް ވެސް ބުރޫ އަރާފައި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.