02 ސެޕްޓެމްބަރ 2020 - 23:05

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އިތުރު 137 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 96 ދިވެހިންނާއި ބޭރު ގައުމުތަކަށް ނިސްބަތްވާ 41 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 8،140 އަށް އެރީ އެވެ.
އަލަށް ބަލިޖެހޭ މީހުންގެ ގައުމު އެޗްޕީއޭއިން މީގެ ކުރިން ހާމަކުރެ އެވެ. ނަމަވެސް މިރޭ އެ އެޖެންސީން ހަމައެކަނި ބުނެފައިވަނީ ބޭރުގެ 41 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ގައުމުތަކުގެ ތަފްސީލެއް ނުދެ އެވެ.
ބަލިން 73 މީހުން ރަނގަޅުވެފައި އެވެ. އެހެންވެ މިވަގުތު ފަރުވާ ދެމުން އަންނަނީ 2،767 މީހުންނަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ 166 މީހުން ވެސް ހިމެނެ އެވެ. އެ ބަލީގައި 29 މީހަކު މަރުވެފައި ވެ އެވެ.
މާލޭގެ އިތުރުން 40 ރަށަކުން 91 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އެ ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ށ. ފީވަށް އެކަންޏެވެ. މިހާތަނަށް ސޯޅަ ރިސޯޓަކުން 33 މުވައްޒަފަކާއި 15 ޓޫރިސްޓުން ވެސް ޕޮޒިޓިވްވެފައި ވެ އެވެ.