03 ސެޕްޓެމްބަރ 2020 - 09:44

ލަންޑަން (ސެޕްޓެމްބަރު 3) - މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ފްރާންސް ގައުމީ ޓީމުން ޖާގަ ނުލިބޭތީ އޭނާ އެހެން ގައުމެއް ތަމްސީލްކުރަން ވިސްނަން ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފްރާންސް ފުޓްބޯލް އިން ރިޕޯޓްކުރާގޮތުގައި ލަޕޯޓްގެ އޭޖެންޓް ދާދި ފަހުން ވަނީ ފްރާންސް ނޫން ޓީމަކަށް އޭނާ ކުޅުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާތަކެއް ކޮށްފަ އެވެ. ލަޕޯޓް ލައްވައި ސްޕެއިން ގައުމީ ޓީމަށް ކުޅުވަން ސްޕެއިން ފެޑެރޭޝަނުން ބޭނުންވި ނަމަވެސް އޭނާ ސިޓީ އަށް ބަދަލުވުމުގެ ކުރިން ސްޕެއިނުގެ ރަށްވެހިކަން ހޯދަން ހުށަހަޅާފައިނުވާތީ އެކަން ކުރެވޭނެ މަގެއް އަދި ނެތެވެ. ފްރާންސް ފުޓްބޯލް އިން ރިޕޯޓްކުރާގޮތުގައި ލަޕޯޓް އަންނަނީ އިންގްލެންޑް ގައުމީ ޓީމަށް ކުޅެވޭނެ ގޮތެއް އޮތްތޯ ވެސް ބަލަމުންނެވެ.
ފްރާންސްގެ 17،18،19 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ލަޕޯޓަށް އަދި ފްރާންސްގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ. ލަޕޯޓް ލައްވައި ސްޕެއިނުން ކުޅުވަން މަސައްކަތްކުރާތީ 2016 ވަނަ އަހަރުގެ ފަހުކޮޅުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަކަށް ނެގި ސްކޮޑުން ލަޕޯޓަށް ޖާގަ ދިނެވެ. އެހެން ނަމަވެސް އެ ފަހަރު ހުރީ ބެންޗުގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮގަސްޓް މަހު ޔޫރޯ 2020 ކޮލިފައިން އަށް ނެގި ސްކޮޑުގައި ލަޕޯޓް ހިމެނިފައިވަނިކޮށް އޭނާ އިންޖަރީވުމުން ޓީމުން ބާކީކުރީ އެވެ.
އެހެން ގައުމެއް ތަމްސީލުކުރަން ލަޕޯޓް ވިސްނަން ފެށީ ނޭޝަންސް ލީގަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނެގި 23 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ނުލިބުމުންނެވެ. ލަޕޯޓްގެ ބަދަލުގައި، އަނިޔާއިން ދާދި ފަހުން ރަނގަޅުވި ކުޅުންތެރިންނަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ. ފީފާ ގަވާއިދު ބުނާގޮތުން ރަސްމީ މެޗެއްގައި އެއް ގައުމެއްގެ ސީނިއާ ޓީމު ތަމްސީލުކުރުމުގެ ކުރިން ރަށްވެހިކަން ހޯދައިގެން އެހެން ގައުމީ ޓީމަކަށް ކުޅެވިދާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މީގެ ދެ އަހަރާއި ބައި ކުރިން ސިޓީ އަށް ބަދަލުވި ލަޕޯޓަށް އިންގްލެންޑް ގައުމީ ޓީމަށް ކުޅެވޭނީ އަދި ދެ އަހަރު ފަހުންނެވެ. އެއީ ސިޓީގައި އޭނާ މަޑުކުރާތާ ފަސް އަހަރު ހަމަވުމުންނެވެ. އެކަމަކު ހާއްސަ ހާލަތެއްގެ ތެރެއިން އިނގިރޭސި އެފްއޭ މަސައްކަތްކޮށްގެން ލަޕޯޓަށް އެ ގައުމުގެ ރަށްވެހިކަން ދީގެން އޭނާ ބޭނުންނަމަ އެ އަށް ވުރެން އަވަހަށް ވެސް އެ ފުރުސަތު ހޯދިދާނެ އެވެ.
އެތުލެޓިކް ބިލްބާއޯ އަށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 57 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ސިޓީން ގަތް ލަޕޯޓް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަޕޯޓް ޓީމުގައި ހިމެނިގެން ދެެއްކި މޮޅު ކުޅުމާ އެކު ސިޓީން ވަނީ އެ މުއްދަތުގެތެރޭގައި ދެ ޕްރިމިއާ ލީގާއި ދެ ލީގު ކަޕާއި އެއް އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ލަޕޯޓަށް ފްރާންސް ގައުމީ ޓީމުން ފުރުސަތު ނުދޭ މައްސަލައިގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ.