ކޮވިޑް ޖެހިގެން އެއް މަހުގެ ކުއްޖެއްގެ ހާލު ދެރަވެ އައިސީޔޫގައި
ކޮވިޑް ޖެހިގެން އެއް މަހުގެ ކުއްޖެއްގެ ހާލު ދެރަވެ އައިސީޔޫގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވި އެއް މަހު ކުއްޖެއްގެ ހާލު ސީރިއަސްވެ ލ. ގަމު ކޮވިޑް-19 ފެސިލިޓީގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އެ ކުއްޖާއަކީ މާލޭން ދ. ކުޑަހުވަދުއަށް ގޮސް އާއިލާއާ އެކު ހޯމް ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު ޓެސްޓް ކުރި އިރު މިދިޔަ ހޯމަ ދުވަހު ޕޮޒިޓިވްވި ކުއްޖެކެވެ. އޭނާއާ އެކު މަންމަ އާއި ބައްޕަގެ އިތުރުން އާއިލާ އެހެން ކުއްޖަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ލ. ގަމު ހޮސްޕިޓަލުން މިއަދު ބުނީ ގަމުގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެ ކުއްޖާ އަށް އައިސީޔޫގައި ފަރުވާދޭން ޖެހުނީ ދޭތެރެއަކުން ހާލު ގޯސްވާތީ އެވެ.

އެ ކުއްޖާއާ އެކު ކޮވިޑަށް ޕޮޒިޓިވް މަންމަ ވެސް ހުރީ އެ ފެސިލިޓީގަ އެވެ. އާއިލާގެ އެހެން މީހުންގެ ހާލު ރަނގަޅެވެ.

ގަމު ހޮސްޕިޓަލުން ބުނިގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ވެސް އެ ފެސިލިޓީގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި ކުޑަ ކުއްޖަކަށް ފަރުވާދީފަ އެވެ. އެ ކުއްޖާ ރަނގަޅުވެ މިހާރު ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.

އެތަނުގއި ކޮވިޑުގެ ފަރުވާއަށް ޑޮކްޓަރަކާއި ނަރުހުން ޚާއްސަކޮށް ވަސީލަތްތައް ވެސް ވަނީ ހަމަކޮށްފަ އެވެ.

ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު މިހާރު އިތުރުވާން ފަށާފައިވާއިރު އެ ބަލީގައި ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންގެ އަދަދު ވެސް އަންނަނީ އިތުރަމުންނެވެ.

ކޮވިޑް-19 ރާއްޖެއިން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 8،361 އަށް އަރައިފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެ އިން 29 މީހަކު ވަނީ މަރުވެފަ އެވެ.