ކޮވިޑް ވެކްސިންގެ ފަހަތުން ޖާސޫސުން އެނބުރެނީ
ކޮވިޑް ވެކްސިންގެ ފަހަތުން ޖާސޫސުން އެނބުރެނީ

ދުނިޔެ މިހާރު މި ދެކެނީ މިއިން ޒަމާނަކު ވެސް ބޮޑެތި ގައުމުތަކުގެ ޖާސޫސީ އިދާރާތަކުގެ މެދުގައި ނުއުފެދޭ ފަދަ ވާދަވެރި މަސައްކަތްތަކެކެވެ. އެކަމަކު އެ ވާދަވެރިކަން މި އޮތީ ހަމަ އެންމެ އެއްޗަކާ ހެދި އެވެ: ކޮވިޑް ވެކްސިނެވެ.

ކޮވިޑް ވެކްސިންގެ ފަހަތުން ޖާސޫސުން އެނބުރެނީ
ކޮވިޑް ވެކްސިންގެ ފަހަތުން ޖާސޫސުން އެނބުރެނީ

ދުނިޔޭގައި ބާރަށް ފެތުރި އަދި އޭގެ ސަބަބުން އިގުތިސާދު ހުއްޓި، އިންސާނުންގެ ހަރަކާތްތަކަށް ހުރަސްއެޅިފައިވާ ކޮވިޑް-19 އިން މިނިވަންކަން ލިބެން އޮތީ ވެކްސިނެއް ނުވަތަ ވެކްސިންތަކެއް ހެދިގެންނެވެ. އެ ރޫހުގައި އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގެ އިތުރުން، ރަޝިޔާ އާއި ޗައިނާ އިން ވެސް އަންނަނީ ވަރަށް ބޮޑަށް ވާދަކޮށް، ކުރިއެރުންތައް ހޯދާކަން ވެސް އިއުލާންކުރަމުންނެވެ. ރަޝިޔާ ސަރުކާރުން މިހާރު ވަނީ، އެ ގައުމުގެ އެއް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވެސް ދީފަ އެވެ. އެކަމަކު އެއީ ވެކްސިންގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުނުކޮށް، އަވަސްއަރުވާލުމެއް ކަމަށް، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ އިތުރުން، ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމާއަތް، ޑަބްލިޔުއެޗުއޯ އިން ވެސް ދެކެ އެވެ.

ސައިންސްގެ ދުނިޔޭގައި އިތުބާރު ބޮޑު ޖާނަލްއެއް ކަމަށްވާ ލެންސެޓްގައި ރަޝިޔާގެ ސައިންސްވެރިން އެންމެ ފަހުން، އެ ވެކްސިންގެ ދިރާސާ ވެސް ޖަހައިފި އެވެ. އެހެންކަމުން އެއީ ސައިންސްވެރިންނަށް ވެކްސިންގެ ހަގީގަތް ކޮންމެވެސް ސިފައެއްގައި ލިބިދިން ކަރުދާހެކެވެ. އެ ދިރާސާއިން އެނގެނީ، ރަޝިޔާގެ ވެކްސިނުން ވެސް އިންސާނާގެ ހަށިގަނޑުގައި، ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއު އުފައްދައިދޭ ކަމެވެ. ނަމަވެސް ކޮވިޑް-19 ނުރައްކަލަކަށް ނުވަނީ، ހަށިގަނޑުގައި ކިހާ ވަރަކަށް ދިފާއު އުފެދިގެންކަން މިހާތަނަށް ހޯދިފައިނުވާތީ، ވެކްސިންގެ ކަށަވަރުކަމާ މެދު، ސައިންސްވެރިންގެ ފުރިހަމަ އިތުބާރެއް އަދި ނެތެވެ.

އެމެރިކާ އާއި ޔޫރަޕުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާގެ ޖާސޫސުން ގެންދަނީ ކޮވިޑް ވެކްސިންގެ ދިރާސާތަކާއި ތަހުލީލުތައް ވެސް ވަގަށް ނަގަމުންނެވެ. ޖާސޫސުންގެ މި ހަމަލާއިން ރައްކާތެރިވުމުގެ ގޮތުން އެމެރިކާ އިން މިހާރު ވަނީ ކޮވިޑް ވެކްސިންގެ މަސައްކަތް އެންމެ އެޑްވާންސްކޮށް ކުރަމުން އަންނަ އެ ގައުމުގެ މުހިންމު މުއައްސަސާތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ފަށައިފަ އެވެ.

އެއް ބަޔަކު ސިފަކުރާ ގޮތުގައި ކޮވިޑަށް ވެކްސިނެއް ހެދުމުގެ ރޭހުގައި ޖާސޫސުންގެ ހަރަކާތްތައް ވައްތަރީ ޖައްވީ ރޭހުގައި ކުރި ހޯދަން އެމެރިކާ އާއި ކުރީގެ ރޫސީ ވިލާތް (އެ ގައުމު ބައިބައިވެ، މިހާރު މައިގަނޑު ބާރަކަށް އޮތީ ރަޝިޔާ އެވެ) ދެމެދު އޮތް ވާދަވެރިކަމާ އެވެ. އެ ޒަމާނުގައި ވެސް ދެ ގައުމުގެ ޖާސޫސީ އިދާރާތަކުން އެއް ބަޔަކު އަނެއް ބައެއްގެ ކުރިއެރުން ހޯދަން ހެސްކިޔާފައި ފާރަލި އެވެ.

ޖައްވަށް ފުރަތަމަ ފަހަރަށް އިންސާނަކު ފޮނުވުމުގައި ކާމިޔާބު ހޯދީ ރޫސީ ވިލާތުންނެވެ. އެމެރިކާ އިން ދުނިޔެއަށް ދެން ދެއްކީ އެއަށް ވުރެ މާ ބޮޑު ކުރިއެރުމެކެވެ: ފުރަތަމަ ފަހަރަށް ހަނދަށް އިންސާނުން ފޮނުވުމެވެ. އެހާ ހިސާބުން ޖައްވީ ވާދަވެރިކަން އެ ފެންވަރުގައި ނިމުމަކަށް އަ އެވެ.

އެކަމަކު ކޮވިޑްގެ ވެކްސިނަކީ، ޖައްވީ ރޭހުގައި ހޭދަކުރި އެތައް އަހަރެއް ގޮތަށް، ވަގުތު ދުއްވާލެވެން އޮތް އެއްޗެއް ނޫނެވެ. ވީހާވެސް އަވަހަކަށް ވެކްސިނެއް ހޯދިގެން ނޫނީ ވީހާވެސް އަވަހަކަށް އިންސާނުންނަށް ހަމަޖެހިލައިގެން އުޅެވޭކަށް ނެތެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާ އާއި ޗައިނާ އިން ގެންދަނީ ވެކްސިންގެ މައުލޫމާތު ވަގަށް ނަގަން މަސައްކަތް ކުރަމުންނެވެ. އޭގެ ހެކިތައް ވެސް ލިބިފައި ހުރި ކަމަށް، ޖާސޫސީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެ އެވެ.

"މިހާރު ކުރިއަށް ދާ އެންމެ އަގުބޮޑު ބައޮމެޑިކަލް ރިސާޗުގެ މައުލޫމާތު ވަގަށް ނަގަން މަސައްކަތް އެމީހުން ނުކޮށްފި ނަމަ އެވާނީ އަޖައިބަކަށް،" ޗައިނާއަށް އިޝާރަތްކުރައްވައި، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އިސް އޮފިޝަލެއް ކަމަށްވާ ޖޯން ސީ ޑެމާސް، މިދިއަ މަހު ވިދާޅުވި އެވެ.

ވެކްސިންތަކުގެ މައުލޫމާތު ހޯދަން ޗައިނާ އިން، ޑަބްލިޔުއެޗުއޯ ތެރެއިން ވެސް ވައްކަންކުރާ ކަމަށް، ޖާސޫސީ މަސައްކަތާ ގުޅުން ހުރި ބައެއް މީހުން ތުހުމަތުކުރެ އެވެ. އެކަމަކު ވެކްސިންގެ ސިއްރު މައުލޫމާތު ހޯދަން ޗައިނާއިން ޑަބްލިޔުއެޗުއޯ ބޭނުންކުރަނީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ.

މިހާރު އުފައްދަމުން ގެންދާ ވެކްސިންތަކުގެ މައުލޫމާތު ޑަބްލިޔުއެޗުއޯ އަށް ލިބެ އެވެ. އަދި އޭގެ ތެރެއިން ގިނަ މައުލޫމާތު އާންމު ވެސް ކުރެ އެވެ. އެހެންކަމުން ބެލެވެނީ، ޗައިނާގެ ޖާސޫސުންނާއި ހެކަރުން ދެނެގަންނަނީ ޑަބްލިޔުއެޗުއޯއިން އެންމެ ބޮޑަށް އުއްމީދުކުރާ ވެކްސިންތަކުގެ ފުރަތަމަ މަރުހަލާގެ މައުލޫމާތުތައް ކަމެވެ. އޭރުން އެ ވެކްސިންތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ އާއި ވެކްސިން ބިނާކުރާ ގޮތްތައް އަވަހަށް އެނގި، އެގޮތަށް ޗައިނާގެ ސައިންސްވެރިންނަށް މަސައްކަތް ފަށަން ފުރުސަތު ލިބިދާނެ އެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމެރިކާގެ އެކި ޔުނިވަސިޓީތަކާއި އިދާރާތަކުން ތަރައްގީކުރާ ވެކްސިންތަކުގެ ސިއްރުތައް ހޯދަން ޗައިނާ އިން މަސައްކަތްކުރާކަން ފުރަތަމަ ރޭކާލީ، ކޮވިޑް-19 އެމެރިކާގައި ފެތުރެން ފެށި އިރު، ފެބްރުއަރީ ހިސާބުގަ އެވެ. ސީއައިއޭ އާއި އެމެރިކާގެ އެހެން ބައެއް އިދާރާތަކުން ގެންދަނީ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އެތެރޭގައި، އޭގެ ތެރޭގައި ޑަބްލިޔުއެޗުއޯ ވެސް ހިމެނޭ ގޮތަށް، ޗައިނާއިން ކުޅޭ ރޯލާއި ހަރަކާތްތައް ބަލަމުންނެވެ.

ޔުނިވަސިޓީ އޮފް ނޯތު ކެރޮލީނާގެ ދިރާސާތައް ވަގަށް ނަގަން ޗައިނާގެ ޖާސޫސުން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ވަނީ ލިބިފަ އެވެ. ވެކްސިނާ ބެހޭ އެމެރިކާގެ ބައޮޓެކްނޮލޮޖީ ކުންފުނިތަކުގެ ސިއްރު މައުލޫމާތު ޗައިނާއަށް ހޯދައިދޭން އުޅުމުގެ ކުށުގައި ޖުލައި މަހު ދެ މީހަކާ ދެކޮޅަށް އެމެރިކާ އިން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.

ކޮވިޑާ ދެކޮޅަށް އެންމެ އިތުބާރު ބޮޑު ވެކްސިންތައް ހަދަމުން އަންނަ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފެއްދުމުގެ މައި އެއް ކުންފުނި ކަމަށްވާ އަސްޓްރަޒެނެކާގެ ސިއްރުތައް ފޭރެން ރަޝިޔާގެ ޖާސޫސުން މަސައްކަތްކުރި ކަމަށް، އިނގިރޭސިވިލާތާއި އެމެރިކާ އަދި ކެނެޑާގެ ޖާސޫސީ އިދާރާތަކުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

ކޮވިޑް ވެކްސިން ތައްޔާރުކުރުމުގައި ދެ ގައުމުން ވެސް ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށް ރަޝިޔާ އާއި ޗައިނާ އިން ވެސް ބުނެ އެވެ. ޗައިނާގެ ބައެއް ވެކްސިންތަކުގެ ތަހުލީލުތަކަށް ޑަބްލިޔުއެޗުއޯ އިން ހުއްދަ ވެސް ވަނީ ދީފަ އެވެ. އަދި ބައެއް ވެކްސިންތައް މިހާރު ވަނީ އޭގެ ތިން ވަނަ ފޭސްގެ ތަހުލީލުތައް ވެސް ފަށައިފަ އެވެ.

ކޮވިޑް ވެކްސިންގެ ފަހަތުން ޖާސޫސުން ދުވާއިރު ރަނގަޅު އަސަރެއްކުރާ ވަރުގެ ވެކްސިނެއް އާންމު އާބާދީއަށް ލިބޭ ވަރެއް އަދި ނުވެ އެވެ. ބައެއް ސައިންސްވެރިން ބުނާ ގޮތުގައި އެކަން އެންމެ އަވަހަށް ވެސް ވާނީ އަންނަ ނޮމްބަރުގެ ފަހުންނެވެ. ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

އޭގެ ކުރިން އިންސާނުންނަށް އޮތީ، މިހާރު ގޮތަށް، ގައިދުރުކަން ބަހައްޓައިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދެމިތިބުމެވެ. ޖާސޫސުން އެ ހިންގާ ކަންކަން ރޭކާލާ ވަރެއް އާންމުންނަކަށް ނުވެ އެވެ.