ނިންޖަށް ބޭނުންވެފައި ހުރިތޯ ބަލާނެ ޓެސްޓެއް
ނިންޖަށް ބޭނުންވެފައި ހުރިތޯ ބަލާނެ ޓެސްޓެއް

ތަނެއްގައި ހަމަޖެހިލާއިރަށް ނިދިޖެހޭ ހެއްޔެވެ؟ އޮފީހުގައި މަސައްކަތުގައި އުޅޭއިރު ވެސް އާފުރެނީ ހެއްޔެވެ؟ ފަހަރެއްގައި ތިޔަ ހުރީ ނިދި މަދުވެފައި ކަމަށް ވެދާނެ އެވެ. މިއީ "ސްލީޕް އޮންސެޓް ލޭޓެންސީ ޓެސްޓް" އެވެ. ޔުނިވަސިޓީ އޮފް ޗިކާގޯގެ ޕްރޮފެސަރެއް ކަމަށްވާ ނަތަނީލް ކްލެއިޓްމަން އީޖާދުކުރެއްވި މި ޓެސްޓު ހެދުމަށް ތަޖުރިބާކާރުން ލަފާ ދެއްވަ އެވެ.

މި ޓެސްޓް ހެދުމަށް ހުސް ވަގުތުކޮޅެއް ބޭނުންވާނެ އެވެ. ހަވީރު ވުމާ ގާތް ނުވަނީސް، މެންދުރު ފަހުގެ ވަގުތެއްގައި، ބޮކިތައް ނިއްވާލައި އަނދިރިކޮށްފައިވާ ކޮޓަރިއެއްގައި، ސަމުސަލެއް ފަދަ އެއްޗެއް އަތުން ހިފަހައްޓައިގެން އޮވެ އެނދުގައި އޮށޯންނާށެވެ. މުށުތެރޭގައި ސަމުސާ ބާރަށް ހިފަހައްޓައިގެން، އެނދުން ބޭރަށްވާ ގޮތަށް އަތް ދިއްކޮށްގެން އޮންނައިރު އަތާ ދިމާލުގައި ދަގަނޑު ޓްރޭއެއް ބަހައްޓާށެވެ. ބޭނުމަކީ ސަމުސާ ވެއްޓޭއިރު ނިދިން ހޭލެވޭ ވަރަށް އަޑު އިއްވުމެވެ.

އޮށޯންނައިރު ގަޑިން ވީ އިރެއް ނޯޓުކޮށްލާށެވެ. ނިދި ޖެހި ސަމުސާ ވެއްޓުމާ އެކު އިވޭ އަޑުން ހޭލެވުމާ އެކު އަނެއްކާވެސް ގަޑި ބަލާށެވެ. ބަލަންވީ އޮށޯތުމާއި ހޭލެވުމާ ދެމެދު ހިނގާ ކިހާ ވަގުތެއް ކަމެވެ.

ޕްރޮފެސަރު ކްލެއިޓްމަން ވިދާޅުވަނީ އޮށޯންނަތާ ފަސް މިނެޓް ތެރޭ ނިދުނު ނަމަ އެއީ ވަރަށް ބޮޑަށް ނިދި މަދުވެފައިވާ މީހެއް ކަމަށެވެ. އަދި 10 މިނެޓް ތެރޭ ނިދުނު ނަމަ އެއީ އިތުރަށް ނިދި ބޭނުންވާ، އެކަމަކު ކޮންމެވެސް ވަރަކަށް ނިދި ލިބިފައިވާ މީހެކެވެ. އެކަމަކު ނިދުނީ 15 މިނެޓެއްހާއިރު ތެރޭގައި ނަމަ ނިދީގައި މައްސަލައެއް ނެތް ކަމަށް ނިންމިދާނެ ކަމަށް ޕްރޮފެސަރު ވިދާޅުވެ އެވެ.

އެހެންވީމާ މި ޓެސްޓް މިއަށްވުރެ ފަސޭހައިން ވެސް ހެދިދާނެ އެވެ. އޮށޯންނަމުން 15 މިނެޓް ތެރޭ އެލާމްވާ ގޮތަށް ގަޑި ނުވަތަ ފޯނުގެ އެލާމް ސެޓްކުރާނީ އެވެ. އެލާމް ވެގެން ހޭލެއްވިއްޖެ ނަމަ ތިއީ އިތުރު ނިދި ބޭނުންވާ މީހެކެވެ.